މާލެ ސިޓީގެ މަސް މާރުކޭޓު ތަރައްގީކޮށް ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފި އެވެ.
ހޯމަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، މާލެ ސިޓީ ވެޓް މާކެޓް ޕްރޮޖެކްޓް ތަރައްޤީކޮށް ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ގަރާރެއް ވަނީ ހުށަހަޅާފަ އެވެ.
މި ގަރާރަށް ތާއީދުކޮށް މި ބައްދަލުވުމުގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.
މިހާރު ހުރި މަސް މާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ.
ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސް މާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް 17 އަކަފޫޓަށް ވުރެ ބޮޑު ބިމުގައި ކަމަށާއި މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހޭނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީގެއިތުރުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން މާލޭގެ މަސް މާރުކޭޓް ތަރައްގީކުރުމަށް ބޮޑު އަގުގައި ދެ ބަޔަކާއި ހަވާލުކޮށްފައިވެ އެވެ. އަދި އެ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅާފައިވެ އެވެ.