ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ދެއްކި ވާހަކަތައް ނޫސްވެރިން ރިޕޯޓްކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށް މަޖިލީހުގެ އާއްމު ކޮޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި، މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭ ކުންފުނި އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާ ބައްދަލުކުރުން ހިމަނާފައިވެ އެވެ.
އާންމު ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާ އިއުލާން ކުރެއްވުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ފާއިތުވި އަންގާރަ ދުވަހުގެ ބައްދަލުވުމުގައި އިންޝުއަރެންސްއާ ގުޅޭ ގޮތުން މެންބަރުން ދެއްކި ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ މެންބަރުން އެ ވާހަކަ ދެއްކި ގޮތަކަށް ނޫން ކަމަށް ވިދާޅުވެފައި އެވެ. އަދި އެ ދުވަހު މެންބަރުން ވާހަކަ ދެއްކީ ހިދުމަތް ހޯދުމުގައި ލަސްވުން ފަދަ ދަތިތަކާއި އެނޫން ވެސް ބައެއް ދަތިތަކުގެ ވާހަކަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަޅުގަނޑުމެން ދެންނެވީ އަޅުގަނޑުމެންނަށް ލިބޭ އިންޝުއަރެންސްގެ ތެރެއިން އަަޅުގަނޑުމެންގެ މެންބަރުންނަށް އިންޝުއަރެންސް ކުންފުނިން އެ ހިދުމަތްދޭން އެއްބަސްވެފައިވާ ގޮތުގެ މަތިން، އިންޝުއަރެންސްތަކުގައި ހުރި ދަތިތަކުގެ ވާހަކަމުހައްމަދު ޝާހިދު
މީގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ކޮމިޓީގައި ދެއްކެވި ވާހަކަތައް ނޫސްވެރިން ގެނެސްފައި ވަނީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ، އެޖެންޑާގެ އެ ނަންބަރު ކުރިއަށް ގެންދާއިރު އެ ބައްދަލުވުން ނޫސްވެރިންނަށް ސިއްރުކުރަން ހުށަހަޅުއްވާފަ އެވެ. އަދި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައި ވައިރު، އެޖެންޑާ ސިއްރުކުރުމަށް ފާސް ކޮށްފައިވަނީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެލައިޑް އިންޝުއަރެންސްގެ އޮފިޝަލުންނާއެކު ގަޑިއިރެއް ވަންދެން ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު، ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.