މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް،
މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ރައްޔިތުންގެ
މަޖިލީހުގެ މެންބަރުން ބަހުސް ކުރާނެ ވަގުތާއި ދިފާއުގައި ވާހަކަ ދެއްކެވުމަށް
މިނިސްޓަރަށް ދޭނެ ވަގުތު ކަނޑައަޅައިފި އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ މިނިސްޓަރުގެ ދިފާއުގައި
ވާހަކަ ދެއްކެވުމަށް އެއް ގަޑިއިރު ދިނުމަށް ހުށަހަޅުއްވާފަ އެވެ. އަދި
ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޕާޓީތަކަށް ބަހައިލައިގެން
މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރު ދިނުމަށް ވެސް
މެންބަރު ހުށަހެޅުއްވި އެވެ.
މެންބަރުގެ އެ ހުށަހެޅުއްވުން ކޮމިޓީ އިން ފާސްކޮށްފައިވަނީ އެވަގުތު ކޮމިޓީ
އަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އިދިކޮޅު އެމްޑީޕީ އިން ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ހުށަހަޅާފައިވަނީ 13 މެންބަރުންގެ ސޮޔާ އެކު އެވެ.
އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިނިސްޓަރު ސައީދު،
ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ
ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ
ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން
ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ
ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ
މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ
މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެ ޕާޓީ އިން ވަނީ 6 ކަމެއް
ހުށަހަޅާފަ އެވެ. އަދި މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ
އިތުބާރު ގެއްލިފައިވާތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ
މަޖިލީހުގެ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓަރު ސައީދަށް
އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.