ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅައިފި އެވެ. 

ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ފޮނުއްވި ސިޓީއެއްގައި އެ ބިލު އިސްލާހު ކުރުމަށް ހުށަހަޅާ ގޮތްތައް ވަނީ ހިމަނާފަ އެވެ. 

އެގޮތުން ރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ބިމެއް، ފަޅެއް، ފަޅުރަށެއް ނުވަތަ ކަނޑުގެ ވަސީލަތެއް އަދި އެ ނޫން ވެސް އެސެޓެއް އެ ކައުންސިލަކާ މަޝްވަރާ ކުރުމަކާ ނުލައި، މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލު ނުކުރެވޭ ގޮތަށް ބިލު އިސްލާހު ކުރުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

މީގެ އިތުރުން މަރުކަޒީ ސަރުކާރާއި، ލޯކަލް ކައުންސިލްތަކާ ދެމެދު އިހުތިސާސްތަކާ ވަސީލަތްތައް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މަޝްވަރާ ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ ގަވާއިދެއް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި، އާންމު ކޮށް ޝާއިއު ކުރުމަށް ވެސް މެންބަރު ހުށަހެޅުއްވި އެވެ.

މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތްތަކަށް ބަދަލެއް ގެންނަން ހުށަހަޅައިފި ހާލަތެއްގައި އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކައުންސިލަކުން އެ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ރައްޔިތުންނާއެކު އާންމު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންގެ ޚިޔާލު ހޯދަންވާނެ ކަމަށް ވެސް މެންބަރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. 

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކައުންސިލެއްގެ އިހުތިސާސުން އެސެޓެއް ނުވަތަ ވަސީލަތެއް ވަކިކުރުމަށް މަރުކަޒީ ސަރުކާރުން ބޭނުންވާނަމަ، އެކަން ކުރަންޖެހޭ ސަބަބާއި، އެ ނިންމުމުގެ ސަބަބުން އާންމު މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތުގެ ތަފްސީލީ ބަޔާނެއް، މަރުކަޒީ ސަރުކާރުން ލިޔުމުން އެކުލަވާލައި އާންމުކޮށް ޝާއިއު ކުރަން ވާނެ ކަމަށެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފަ އެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި ބިލު ބަލައިގަތުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު އެ ބިލު ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފަ އެވެ. މަޖިލީހުން ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.