ނިމިދިޔަ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ 16 މަޝްރޫއެއް
މި ސަރުކާރުން ބާތިލުކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ
ވިދާޅުވެއްޖެ އެވެ.

ގީލާ އެފަދައިން ވިދާޅުވީ ސިއްހީ ނިޒާމުގެ މަސައްކަތްތައް
ލަސްވެ، ދާއިރާ ފަހަތަށް ސޮއްސާލާފައިވާ ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ
ހޯމަ ދުވަހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަޝްރޫއުތަކަކީ އެމްޑީޕީ ސަރުކާރުން ފަށައި، އެކަމަށް
ބޭނުންވާ ފައިސާ ވެސް ދޫކޮށްފައިވާ މަޝްރޫއުތަކެއް ނަމަވެސް، ގީލާ ވިދާޅުވި
ގޮތުގައި މަޝްރޫއުތައް ބާތިލު ކުރަން ނިންމީ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް
އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި 16 މަޝްރޫއަށް
އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ
އެވެ. ނަމަވެސް މަޝްރޫއު ބާތިލުކުރަން ނިންމީ އެ މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ
ސަބަބުން ސިއްހީ ދާއިރާއަށް ލިބޭ ގެއްލުން ބޮޑުވަމުންދާތީކަމަށް ގީލާ
ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ ފައިސާ ރިކަވަރ
ކުރުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެވިފައެއް
ނުވެ އެވެ. އެހެންނަމަވެސް، މިހާރު އެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

16 ޕްރޮޖެކްޓެއް މިހާރު ވަނީ ޓާރމިނޭޓު ކުރެވިފައި، ނޫނީ ހުއްޓާލެވިފައި، މި ޕްރޮޖެކްޓުތަކަށް އެޑްވާންސް ފައިސާ ގޮތުގައި ވެސް 60 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވޭ
ގީލާ އަލީ

މިގޮތަށް ބާތިލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މިސާލެއްގެ
ގޮތުގައި މިނިސްޓަރު ދެއްކެވީ ހއ. އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިއީ ކުރީ
ސަރުކާރުން އެޑްވާންސް ފައިސާ ދޫކޮށްފައި އޮތް ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް
ނުގެންގޮސް އޮތް މަޝްރޫއެއްކަމަށް ގީލާ ވިދާޅުވި އެވެ.

އެހެންކަމުން، މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި
އެ މަޝްރޫއު ވަނީ ޓާމިނޭޓު ކުރެވިފަ އެވެ. މިނިސްޓަރު ވިދާޅުވީ އުމްރާނީ ތަރައްޤީގެ
މަޝްރޫއުތަކަށް ވަގުތު ނެގިނަމަވެސް، ރައްޔިތުންނަށް ދޭ ސިއްހީ ޚިދުމަތްތަކަށް ބުރޫ
ނާރާނެހެން ނިޒާމު ޤާއިމު ކުރުމަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.

މި މައުލޫމާތުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި
އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދައުލަތުގެ ފައިސާ
ދޫކޮށް މަސައްކަތްނުކޮށް ހުރި މިފަދަ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން
މިހާރު ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫއާ ގުޅޭގޮތުން ފާހަގަކޮށްލެވޭ
ކަމަކީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި އޮއްވައި، މި ސަރުކާރު ވެރިކަމާ
ހަވާލުވުމަށްފަހު އެ މަޝްރޫއު ހުއްޓާލުމަށް ކޮންޓްރެކްޓަރަށް އެންގި ކަމެވެ. އެގޮތުން
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކޮންޓްރެކްޓަރ ކިޔާދިން ގޮތުގައި މަޝްރޫއު
ހުއްޓާލަން އެންގީ އެ ކުންފުނިން ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ބިން ސާފުކޮށް،
އެ ބިމުގައި ހުރި ރުއްތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ފައުންޑޭޝަން
އަޅަން ކާނު ކޮނެ އަދި ފައުންޑޭޝަން އަށް ބޭނުންވާ ސާމާނު ވެސް އިހަވަންދޫ އަށް
ގެންގޮސްފައިވަނިކޮށް ކަމަށެވެ.

މި ސަރުކާރުން ވަނީ އެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ މަސައްކަތް
އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.