ރާއްޖޭގެ ސިއްހީ ޚިދުމަތްތެރީންނަށް ބަލާއިރު ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށާއި، މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސައްތަ އަކީ ވެސް ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ގީލާ ހާޒުރުކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވަނީ ރާއްޖޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ބޮޑު އިންސައްތައެއް ބިދޭސީން ހިއްސާ ކުރަމުންދާކަން ހާމަކުރައްވާފަ އެވެ. 

މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތަކީ ވަރަށް ގިނަ އަދަދެއްގެ ބިދޭސީންނާއެކު ފޯރުކޮށްދެމުންދާ ޚިދުމަތެއް ކަމަށެވެ.

އަޅުގަނޑު ދަންނަވާނީ 60 ޕަސެންޓް ޑޮކްޓަރުންނަކީ މިހާރު ވެސް ބިދޭސީ ޑޮކްޓަރުންނޭ، އަޅުގަނޑުމެންގެ ޚިދުމަތުގައި މަސައްކަތް ކުރާ. އެހެންވީމާ މި ޚިދުމަތުގައި ތިއްބަވާ ޑޮކްޓަރުން ޚިދުމަތް ދޫކޮށްލައްވާފައި ނޫނީ އެހެން އެއްވެސް ސަބަބަކާ ހުރެ އަޅުގަނޑުމެންގެ ޚިދުމަތުން ވަކިވެގެން ދިޔުމުން މީހަކު ހޯދުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި
ގީލާ އަލީ

މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމުގައި 12،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 7،000 އަށް ވުރެ ގިނަ މީހުން އަތޮޅުތެރޭގައި މަސައްކަތް ކުރަމުންދާއިރު މާލޭގައި 5،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ތެރޭއިން 3،400 އަށް ވުރެ ގިނަ މީހުންނަކީ ބިދޭސީން ކަމަށެވެ.

މި ސަރުކާރުގެ އުއްމީދަކީ ސިއްހީ ޚިދުމަތަކީ ގިނަ އަދަދެއްގެ ދިވެހީންނާއެކު ފޯރު ކޮށްދެވޭ ޚިދުމަތަކަށް ވެގެން ދިއުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެންކަމުން އުއްމީދު ކުރައްވަނީ ގިނަ އަދަދެއްގެ ދިވެހީން ކޯސްތަކަށް ކުރިމަތިލައި، މި ޚިދުމަތަކީ ގިނަ އަދަދެއްގެ ދިވެހީންނާއެކު ފޯރުކޮށްދެވެމުންދާ ޚިދުމަތަކަށް ވެގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.