ކަނޑު ދަތުރުފަތުރު ކުރުމުގެ ޤަވާއިދު އޮތީ ހެދިފައި ކަމަށާއި، މައްސަލަ އަކީ އެކަން ތަންފީޒުކޮށް ފިޔަވަޅު އަޅާނެ ބަޔަކު ނެތުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކުން ޤަވާއިދުތަކެއް ހެދިފައިވާ ކަމަށެވެ. އެއީ މާޒީގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، އިތުރަށް އެކަހަލަ ކަމެއް ދިމާ ވިޔަ ނުދިނުމުގެ މަޤުސަދުގައި ހަދާފައިވާ ޤަވާއިދުތަކެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

ހަމަ އެގޮތަށް ލޯކަލް ވެސެލްތައް ނުވަތަ އެތެރޭގެ ދަތުރު ކުރުންތަކަށް ވެސް ޤަވާއިދުތަކެއް އޮންނަން ޖެހޭކަން ފާހަގަކޮށް ޒާހިރު ވިދާޅުވީ، ރާއްޖޭގައި ވެސް އެފަދަ ޤާނޫނު އަދި ޤަވާއިދު ވެސް ހެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެންފޯސް ކުރުމުގެ ބައި ނެތް ކަމަށާއި، އެކަން ތަންފީޒު ކުރުމުގެ ބައި ނެތް ކަމަށް ޒާހިރު ވިދާޅުވި އެވެ. 

މީގެ އިތުރުން ޒާހިރު ވިދާޅުވީ، ޤަވާއިދަށް ބޯނުލަނބައި، ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅޭ ކަމަށެވެ. އެކަމުގެ ސަބަބުން، ކުރަން ނުޖެހޭ ބައިވަރު ޚަރަދުތަކެއް ކުރަން ޖެހޭ ކަމަށާއި، އަސްކަރިއްޔާ ބޭނުން ކޮށްގެން މީހުންނާއި މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި އެކަން ކުރުމުގެ ތެރޭގައި މުދަލާއި ފުރާނަ ވެސް ގެއްލޭ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައި އެވެ. 

ލޯކަލް ވެސެލް ނުވަތަ އަޅުގަނޑުމެންގެ އެތެރޭގެ ދަތުރު ކުރާ އުޅަނދުތަކަށް ވެސް، އެ ޤައުމެއްގައި ނުވަތަ އަޅުގަނޑުމެންގެ ވެއްޖެއްޔާ މިނިސްޓްރީގައި އޮންނަން ޖެހޭ ރެގިއުލޭޝަންތަކެއް ހެދިފައި. މިހާރު ވެސް އެބަހުރި ރެގިއުލޭޝަންތަކެއް ހެދިފައި، ޤާނޫނު ވެސް ހެދިފައި، ޤަވާއިދުތައް ވެސް ހެދިފައި. މީގާ ފާހަގަ ވަނީ އެންފޯސް ކުރުން، އެހެން ނޫނިއްޔާ އިމްޕްލިމެންޓްކޮށް، ބަލައި، އޮޑިޓްކޮށް، މިކަމާ ދޭތެރޭގައި ފިޔަވަޅު އެޅުން. އަދި މިކަމަށް ބޯނުލަނބާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން
އިބްރާހީމް ޒާހިރު

މީގެ އިތުރުން ޒާހިރު ވިދާޅުވީ މުދާ ބަރު ކުރާއިރު، ނުވަތަ މުދާ ބާލާއިރު، ރާއްޖޭގައި ހުރި ބަނދަރުތަކަކީ ބަލަން ޖެހޭ ކަންކަން ބަލާ ތަންތަން ކަަމަށެވެ. އެގޮތުން ބަނދަރުން މުދާ ލޯޑު ކުރާއިރު، އަދި މުދާ ބާލާއިރު އެންމެ އެކަށީގެންވާ ގޮތުގައި ބަލަން ޖެހޭ ކަންކަން ބެލޭ ކަމަށެވެ. އެހެންކަމުން ބަނދަރުތަކުގައި ރައްކާތެރިކަން ނެތެކޭ ނުބުނެވޭނެ ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ރާއްޖޭގެ އުޅަނދުތަކުގައި ތިބޭ ކެޕްޓަނުންނަކީ ދިވެހިން ކަމަށްވާއިރު، ގިނަ އުޅަނދުތަކުގައި ކެޕްޓަނުންނަށް އެހީތެރިވާން ތިބެނީ ބިދޭސީން ކަމަށާއި، އެ މީހުންނަކީ އެކަމަށް އެހާ ހޭލުންތެރި އަދި ޤާބިލު ބައެއް ނޫން ކަމަށް ވެސް ޒާހިރު ވަނީ ވިދާޅުވެފައި އެވެ. އެހެންކަމުން އެކަންކަން ވެސް ބެލެހެއްޓޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މޫސުން ގޯސްވެ، ކަނޑު ގަދަވާ ދުވަސްވަރު އަބަދު ވެސް ރާއްޖޭގެ ކަނޑުތަކުގައި ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. އަދި ބައެއް ފަހަރު އުޅަނދުތައް ހުންނަނީ ސަލާމަތީ ގޮތުން ވެސް އެންމެ އެކަށީގެންވާ ޙާލަތުގައި ނޫން ކަަމަށް ފާހަގަވެ އެވެ.