ރާއްޖޭގެ ފަންނާނުން ކުރިއެރުވުމަށް
ކުރާ މަސައްކަތްތަކުގައި ސަރުކާރާއި ވިޔަފާރިވެރިންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް
ނުލިބޭ ކަމަށާއި، ފަންނާނުންނަކީ ހަމައެކަނި "ދެ ރުފިޔާ ބައި" ދީފައި ބޭނުންކޮށްލާ
ބަޔަކަށް ވެފައިވާ ކަމަށް ބުނެ، މޯލްޑިވްސް ސޮސައިޓީ ފޯ ޕާރފޯމިންގ އާޓްސް (އެމްއެސްޕީއޭ) ގެ ޗެއާމަން އަދި ފިލްމީ ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަމުންދާ ތަޖުރިބާކާރު ފަންނާނު ދަރާ މުޙައްމަދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ފަސް
ސުވާލު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތަޖުރިބާކާރު ފަންނާނު ދަރާ ރަޝީދު ވިދާޅުވި ގޮތުގައި، އޭނާ އިސްވެ ހުންނަވާ ހިންގާ އެސޯސިއޭޝަނުން، ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލްތަކުގައި ދިވެހި
ފިލްމުތައް ބައިވެރިކުރުވުމާއި، ވަކިވަކި ފަންނާނުންނަށް ބައިނަލްއަޤްވާމީ
މައިދާނުން އެވޯޑްތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ
ކުރައްވަމުންނެވެ. ނަމަވެސް މިފަދަ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިކަމުގެ އަތެއް
ދިއްކޮށްލާނެ އެއްވެސް ފަރާތެއް ނުވާކަން ދަރާ ރަޝީދު ފާހަގަކުރެއްވި އެވެ.

ދަރާ ރަޝީދު ވިދާޅުވި ގޮތުގައި މިހާރު
ތައްޔާރުވަމުންދާ އެމް.އެސް.ބީ (MSB) ގެ ދެވަނަ ފިލްމް އެވޯޑާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް
ނިންމާފައިވީ ނަމަވެސް، ސްޕޮންސަރެއް ދޭނެ ފަރާތެއް ނުވެ އެވެ. ސްޕޮންސަރަށް
އެދި ހުށަހަޅާ ކޮންމެ ތަނަކުން ލިބެނީ ނޫނެކޭ ބުނާ ޖަވާބު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފަންނާނުން ކުރިއަރުވަން ކުރާ
މަސައްކަތްތަކުގައި އެހީތެރިވާނެ ބަޔަކު ނެތް ކަމަށާއި، ނަމަވެސް ފަންނާނުން
ބޭނުންކުރަން ކޮންމެ ބަޔަކުވެސް ބޭނުންވާ ކަމަށް ދަރާ ރަޝީދު ފާހަގަކުރެއްވި އެވެ.
އެކަމަކު އެމީހުން ކުރިއަރުވަން މަސައްކަތްކުރާ ބަޔަކަށް އެއްބާރުލުން ދޭން ބޭނުން
ނުވާކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ފަންނާނުންގެ ޝަކުވާއަކީ ރާއްޖޭގެ ބޮޑެތި
ވިޔަފާރިތަކުން އެމީހުންގެ އުފެއްދުންތައް އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް
ފަންނާނުން ބޭނުންކުރި ނަމަވެސް، އޭގެ ބަދަލުގައި ކުޑަ އުޖޫރައެއް ދިނުމެވެ.

ދެ ރުފިޔާ ބައި އަތަށް ދީފައި އާޓިސްޓުން މި ޔޫސް ކުރަނީ. އެއްވެސް ވަރަކަށް އާޓިސްޓުންގެ އަގު ވަޒަންކުރާ ބަޔަކު ސަރުކާރަކުވެސް ނެތް، އަދި ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއަކުވެސް ނެތް
ދަރާ މުޙައްމަދު ރަޝީދު

ދަރާ ރަޝީދު ފާހަގަކުރިއްވި ގޮތުގައި، ރާއްޖޭގައި ފަންނާނުން "ބޭނުންކުރާ" ބަޔަކު ތިބި ނަމަވެސް، އެމީހުންގެ ހުނަރުގެ އަގު ވަޒަންކޮށް، ދާއިރާ ކުރިއެރުވުމަށް އިޚްލާޞްތެރި މަސައްކަތެއް ކުރާ ބަޔަކު ފެންނާކަށް ނެތެވެ. މިކަމުގެ ސަބަބުން ދިވެހި ފަންނާނުންނަށް ކުރިއަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައިވަނީ 23 އޯގަސްޓް 2025 ގައެވެ. ފިލްމު އެވޯޑްސް ހަފުލާ ބާއްވަން ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ދީފައި ނުވާކަމަށް އޭރު ވެސް ރަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.  އެގޮތުން ފިލްމު ފެސްޓިވަލް ކުރިއަށްދިޔަ ދުވަސްވަރު ސަރުކާރުން އެމްއެސްޕީއޭ އާމެދު ކަންތައް ކުރީ ވަރަށް ބޭއިންސާފުން ކަމަށް ރަޝީދު ވިދާޅުވެފައިވެއެވެ. އެ ހަފްލާ އިސްތިހާރު ކުރުމަށް އޮލިމްޕަސް ސިނަމާގެ ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ނެގުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެންގިކަމަށް އޭނާ ވިދާޅުވި އެވެ.