ހދ. ހިރިމަރަދޫ ފަޅުވެގެންދާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ބާތިލުކޮށް، އެ ރަށުގައި އަލުން ކައުންސިލެއް
އިންތިޚާބު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް
ގޮވާލައިފި އެވެ.
އެމްޑީޕީން މިކަމަށް ގޮވާލާފައިވަނީ ހިރިމަރަދޫ
ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަރުހަލާގައި އިންސާނީ ހައްގުތަކަށް އުނިކަން
އަންނަ ފަދަ ކަންބޮޑުވުންތަކެއް ހުރުމުން، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން
(އެޗްއާރްސީއެމް) އަށް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.
އެޗްއާރްސީއެމްގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ
ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވީ،
ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫގައި އާބާދުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ
ހައުސިންގ މަޝްރޫއު ކުރިއަށްދާނެ ކަމުގެ އެއްވެސް އުއްމީދެއް މިހާރު ނެތް ކަމަށެވެ.
އެގޮތުން ހަނިމާދޫގައި އިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އެއްކޮށް
ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ، ހިރިމަރަދޫ ފަޅުރަށަކަށް
ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާއެކު ސަރުކާރުން ކުރިން ނިންމާފައި
އޮތީ 18 މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ނިންމުމަށް
ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތްތައް ހުރި ގޮތުންނާއި އަމަލީ މަސައްކަތް ހުއްޓިފައި
އޮތުމުން ކަނޑައެޅިފައިވާ މުއްދަތަށް އެކަން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް
ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އެމްޑީޕީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ
ރަށުގެ އިދާރީ ހިންގުން ހުއްޓި، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމެވެ.
ނިޔާޒް ވިދާޅުވީ މިހާރުވެސް 300 އަށްވުރެ ގިނަ ރައްޔިތުން ހިރިމަރަދޫގައި ދިރިއުޅެމުންދާއިރު،
ރަށުގެ މުސްތަގުބަލާ މެދު ރައްޔިތުން ތިބީ "ވާނުވާ" އެއް ނޭނގިފައިވާ ހާލަތެއްގައި
ކަމަށެވެ.
ސަރުކާރުން ހަނިމާދޫގައި ހިރިމަރަދޫ
ރައްޔިތުން އާބާދު ކުރުމަށް ފަށާފައިވާ ހައުސިންގ މަޝްރޫއު ކުރިއަށްދާނެ ކަމުގެ
އެއްވެސް އުއްމީދެއް ނެތް، ސަބަބަކީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އޮތީ އެއްކޮށް
ހުއްޓިފައި، ހިރިމަރަދޫ ފަޅުރަށަކަށް ހެދުމަށްޓަކައި ރައީސް ނެރުއްވި ޤަރާރާއެކު
ސަރުކާރުން ނިންމާފައި އޮތީ 18 މަސް ދުވަހުގެ ތެރޭގައި ހަނިމާދޫގައި އެރަށު ރައްޔިތުން
އާބާދު ކުރުމަށް، ނަމަވެސް މިހާރު މަސައްކަތް ދާ ގޮތުން އެކަންވާނެ ކަމުގެ އެއްވެސް
އުއްމީދެއް ނެތް، މިހާރުވެސް 300 އަށްވުރެ ގިނަ ރައްޔިތުން އެރަށުގައި
ދިރިއުޅެމުންދާއިރު، ރައްޔިތުން ތިބީ ވާނުވާއެއް ނޭނގިފައިއަލީ ނިޔާޒު
އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި،
ހިރިމަރަދޫ ފަޅުކުރުމަށް ނެރުއްވާފައިވާ ގަރާރު މިހާރުން މިހާރަށް ބާތިލުކުރުމަށް އެމްޑީޕީން
ވަނީ ގޮވާލާފަ އެވެ. އަދި އެ ރަށުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނީ
ހަމަތަކުގެ މަތިން އަލުން ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގު ފަހިކޮށްދިނުމަށް ވެސް
އެ ޕާޓީން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.
މި މައްސަލައިގައި ރާއްޖެޓީވީއަށް ދެއްވި
އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް ވިދާޅުވީ،
ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް
ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް
އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުންނާ ހަވާލާދީ އަލީ އިބްރާހީމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް ބަދަލުވާއިރު ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށް ވެސް ސާފުނުވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއް ވެސް އެ ރައްޔިތުންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.