އެމްޑީޕީން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ 'ދަތިވެއްޖެ' މުޒާހަރާ ކުރިއަށް ދާނީ މަޖީދީ މަގުން ކަމަށާއި އިތުރު އެހެން މަގަކުން ނޫންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބާއްވާ މި މުޒާހަރާއާ ގުޅިގެން އެ ޕާޓީން ފުލުހުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެމްޑީޕީ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ވިދާޅުވީ އެމްޑީޕީން ބާއްވަން ހަަމަޖެހިފައިވާ މުޒާހަރާއާ ކުރިއަށް ގެންދާނެ މަގަކާއި ގުޅޭ ގޮތުން ފުލުހުންނާއި މަޝްވަރާކުރައްވާ، މަޖީދީ މަގުން މުޒާހަރާ ކުރިއަށްގެންދާ ގޮތަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އަދި ފުލުހުން ބުނެފައިވަނީ ވެރިންނާއި މަޝްވަރާކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށާއި މިފަހަރު ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް އަމީން ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ، އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ އެއީ އަޅުގަނޑުމެންގެ ގާނޫނު އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައެއްގެ ދަށުން އަޅުގަނޑުމެން އެ އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ، ހަމަ ސުލްހަވެރިކަމާ އެކީގައި ޝުއޫރު ފާޅުކުރުން މީގައި އޮންނާނީއަމީން ފައިސަލް
މީގެއިތުރުން މިއީ ހިނގާލުމެއް ނޫން ކަމަށް ކަމަށާއި މިއީ މާލޭގެ މަގުތަކުގައި އަޑު އުފުލާނެ މުޒާހަރާއެއް ކަމަށް އަމީން ވިދާޅުވި އެވެ.
ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އެމްޑީޕީގެ 'ދަތިވެއްޖެ' މުޒާހަރާ ކުރަނީ މިމަހު 13 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.