ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ
ވެރިކަމުގައި ދައުލަތް ހިންގީ އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވި
ވާހަކަތަކަށް، އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް
(ޕާޕާ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
ފަޔާޒް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ އެމަނިކުފާނު ހޭދަކުރެއްވީ
ތާސްކުޅުއްވުމުގައި ކަމަށާއި، ދައުލަތް ހިންގުމާއި މަޝްރޫއުތައް ކުރިއަށް ގެންދެވީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ޑރ. މުއިއްޒު ކަމަށް ޝުޖާއު ވިދާޅުވި ވާހަކައަކީ އެއްވެސް
ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.
ފަޔާޒް
ސުވާލު އުފެއްދެވީ، އޭރު ދައުލަތް ހިންގެވީ ޑރ. މުއިއްޒު ކަމަށްވާނަމަ، މިއަދު ގައުމުގެ
ވެރިކަމުގައި ހުންނަވައިގެން އެއްވެސް މަޝްރޫއެއް ނުހިންގިގެން އުޅެނީ ކީއްވެގެންތޯ
އެވެ.
މި ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ފަޔާޒް
ވިދާޅުވީ، މިހާރު ފެންނަނީ ރަށު ހޮޅުއަށިތަކުގައި "ވައި އަނގަ ތަޅަން" ތިބޭއިރު
ދައްކާ ފަދަ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ސަރުކާރުގެ އިސް ފަރާތްތަކުން ދައްކަމުންދާ
މަންޒަރު ކަމަށެވެ. އަދި މިއީ އެއްވެސް ތާކުންތާކު ޖެހޭ ވެރިކަމެއް ނޫން ކަމަށާއި،
ސަރުކާރުގެ ދައުރު ދެބައިވެގެންދާއިރު ރައްޔިތުންނަށް ދެއްކޭނެ އެއްވެސް ނަތީޖާއެއް
ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރަށް
އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާކަން ފަޔާޒް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ،
ވެރިކަމަށް އައި ފަހުން މިހާތަނަށް ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނިންމާލެވިފައި
ނުވާ ކަމަށެވެ.
މީގެ އިތުރުން،
އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ސަރުކާރު އިހުމާލުވަމުންދާ
ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އޭރު ދައުލަތް ހިންގައި މަޝްރޫއުތައް ހިންގީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ރައީސް ޑރ މުޙައްމަދު މުއިއްޒުކަމުގައިވާނަމަ، މިހާރު ކީއްވެތޯ އެއްވެސް މަޝްރޫއެއް ނުހިންގިގެން މި އުޅެނީ، މިހާރު މި ފެންނަނީ ރަށު ހޮޅުއަށިތަކުގައި ވައި އަނގަ ތަޅަން ތިބޭއިރު ދައްކާ ޒާތުގެ ވާހަކަ ދައްކާތަން، މިއީ އެއްވެސް ތާކުންތާކު ޖެހޭ ވެރިކަމެއް ނޫން، ދައުރު ދެބައިވެގެންދާއިރު، ކޮބައިތޯ ކުރެވުނު މަސައްކަތަކީ؟ އެންމެ ކުޑަމިނުން ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއްވެސް ނުނިންމޭއަޙްމަދު ފަޔާޒް (ޕާޕާ)
ފަޔާޒް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް
ހުރި ގޮތުންނާއި ވައުދުތައް ނުފުއްދޭތީ މިއަދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި
ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ކާމިޔާބީތަކުގެ ކްރެޑިޓް މިހާރުގެ ރައީސަށް ދިނުމަށް
މަސައްކަތް ކުރި ނަމަވެސް، މިހާރުގެ ހާލަތުން ފެންނަނީ އޭގެ އިދިކޮޅު މަންޒަރު ކަމަށް
އޭނާ ވިދާޅުވި އެވެ.