މީމު އަތޮޅު
މުލަކުގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ
މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެރަށު ރައްޔިތުންގެ މެދުގައި ބޮޑެތި
ކަންބޮޑުވުންތަކެއް ހުރިކަން އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.
މުލަކުގައި އައު ހޮސްޕިޓަލެއް ބިނާކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި މަޝްރޫއާ
ގުޅޭގޮތުން މުލަކު ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނީ، މި ހޮސްޕިޓަލުގެ
ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ.
މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. ނަމަވެސް
ބިންގާ އެޅި ފަހުން މިހާތަނަށް އައިއިރު، އަމަލީ މަސައްކަތް އެކަށީގެންވާ
ގޮތެއްގައި ކުރިއަށްދާ މަންޒަރު ނުފެންނާތީ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި
ކަމަށް ކައުންސިލުން ބުނެ އެވެ.
މުލަކަކީ
މީމު އަތޮޅުގެ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ރަށެވެ. އަދި ނިސްބަތުން
ސިއްހީ ހިދުމަތް ހޯދުމަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވެސް އެރަށުގައި ވަރަށް
ގިނަ އެވެ. މިހާރު ހުރި ސިއްހީ މަރުކަޒުން އެކަށީގެންވާ ހިދުމަތް ދިނުމުގައި ދަތިތަކެއް
ހުރުމާއެކު، އައު ހޮސްޕިޓަލުގެ މަސައްކަތް އަވަސްވުމަކީ މުޅި ރަށުގެ ރައްޔިތުންގެ ވަރަށް
ބޮޑު އުންމީދެއްކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން
އިތުރަށް ބުނި ގޮތުގައި، ރަށުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މި މަޝްރޫއަކީ
ކޮންމެހެން މުހިއްމު މަޝްރޫއެކެވެ. އެހެންކަމުން މަސައްކަތް ހުއްޓިފައި އޮތް އޮތުން
ނިމުމަކަށް ގެނެސް، ވީހާވެސް އަވަހަކަށް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ބާރުމިނުގައި
ކުރިއަށް ގެންގޮސްދިނުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ސަރުކާރަށް ގޮވާލަ އެވެ.