ތޫފާން "ޑޮލްފިން" އާ ގުޅިގެން ޓައިވާން ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރަށް ޗައިނާ އިން ޓްރެފިކް ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅަން އުޅުމަކީ ހެއްވާ ކަމެއް ކަމަށާއި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ވަނުން މަނާ ކުރުމުގެ އެއްވެސް ހައްގެއް ޗައިނާ އަށް ލިބިގެން ނުވާ ކަމަށް ޓައިވާން އިން ބުނެފި އެވެ.

ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާ އިން ދައުވާކުރާއިރު، އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ މުދާ ހުރަސްކުރާ މި މުހިންމު ކަނޑު އޮޅި އަކީ ވެސް އެގައުމުގެ މިލްކެއް ކަމަށް ޗައިނާ އިން ދައުވާ ކުރެ އެވެ. ނަމަވެސް، ޓައިވާން އާއި އެމެރިކާ އިން ވެސް ދަނީ އެ ދައުވާތައް ބަލައި ގަތުމަށް އިންކާރު ކުރަމުންނެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތޫފާން ކައިރިވަމުން ދާތީ، ބުރާސްފަތި ދުވަހުގެ ރޭގަނޑުން ފެށިގެން ޓައިވާން ކަނޑު އޮޅީގެ ދެކުނު މަގުން އުތުރަށް ދަތުރުކުރާ އުޅަނދު ފަހަރުން ޗައިނާގެ ޓްރެފިކް ކޮންޓްރޯލް ފިޔަވަޅުތަކަށް ކިޔަމަންވާން ޖެހެ އެވެ. އަދި ކަނޑު މަތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކަނޑުގެ ރައްކާތެރި ސަރަހައްދުތަކުގައި ނިވާކަން ހޯދުމަށާއި، ޗައިނާގެ މެރިޓައިމް މެނޭޖްމަންޓް އޮތޯރިޓީތަކުގެ އެންގުންތަކަށް ތަބާވުމަށް ވެސް އެންގި އެވެ.

މިކަމާ ގުޅިގެން ޓައިވާންގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ ކޮމިއުނިސްޓް އިދާރާތަކުން ނެރުނު ބަޔާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް އެއްވެސް އިހުތިރާމެއް ނެތް، އަދި ހެއްވާ އަމަލެއް ކަމަށެވެ. އަދި ޓައިވާންގެ އަމިއްލަ ކަންކަމުގެ ތެރެއަށް ޗައިނާ އިން އަތް ބާނަން ނުޖެހޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ޓައިވާންގެ ކޯސްޓްގާޑުން ބުނީ، ޗައިނާގެ އުޅަނދު ފަހަރުގެ އެއްވެސް އާދަޔާ ޚިލާފު ހަރަކާތެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި، ޗައިނާ އިން އަންގާ އެންގުންތަކަށް ކިޔަމަންނުވުމަށާއި، އެފަދަ ކަމެއް ހިނގައިފި ނަމަ ވަގުތުން ރިޕޯޓު ކުރުމަށް މުދާ އުފުލާ އުޅަނދު ފަހަރަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

ހަމަ އެހެންމެ، ކަނޑު މަތީގައި ދަތުރު ފަތުރު ކުރުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޓައިވާން ކޯސްޓްގާޑުން ބުންޏެވެ.