ކޯޓު އަމުރެއްގެ ދަށުން ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު، އައްޑޫ ސިޓީ މަރަދޫއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސ. މަރަދޫ / ފާގަތި، 58 އަހަރުގެ ޢަބްދުﷲ ޢުމަރު ކަމަށެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އެވެ. 

ފުލުހުން ބުނީ، ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ޚާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. 

މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި، ޕަވަރ ޓޫލް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެ އެވެ. މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އުމަރު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ވައްކަމާއި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް މުޅި ރާއްޖޭގައި ފުލުހުން ގެންދަނީ ތަފާތު އެކިއެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.