ބ. އޭދަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސްގެ މަސައްކަތް ހުއްޓި، އެ ތަނުގެ ބިން ކޮނެފައި އޮތް ސަރަހައްދުގައި ފެންބޮޑުވެ މަދިރި އާލާވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި
އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި

މި މަޝްރޫއަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދެއްކި "ދަޅައެއް" ކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުންގެ މީހަކު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، މި މަޝްރޫއަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މިހާރު އެ ސަރަހައްދުގައި ފެންނަން ހުރީ ހަމައެކަނި ޖަހާފައިވާ ފެންސުތަކާއި ދާގަނޑުތައް އެކަނި ކަމަށާއި، އެއްވެސް އިމާރާތެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. 

އިމާރާތް ކުރުމަށްޓަކައި ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެން ހެދިފައި ހުރުމުގެ ސަބަބުން، އެ ތަނަކީ މަދިރި އާލާވާ ނުރައްކާތެރި ތަނަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ އެ ތަނުގައި ހެދިފައި ހުރި ފެންގަނޑުތަކަކީ "ބޮޑު ކަންނެލި އާލާކުރަން ހަދާފައި ހުރި ފެންގަނޑުތަކެއް ފަދަ" ތަންތަން ކަމަށް ސިފަކޮށްފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަށް ވެސް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މި މަޝްރޫއުގެ ހަގީގީ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށްދީ، މި ކަންކަން ރަނގަޅު ކުރުމަށް މެންބަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ގޮވާލާފައިވެ އެވެ. 

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި|ސޯޝަލް މީޑިއާ

11 އޯގަސްޓް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 80.79 މިލިއަން ރުފިޔާ އަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން 5 މާޗް 2026 ގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައި އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅާފައިވެ އެވެ. 

އެމްއެންޔޫގެ އައު އިމާރާތުގެ ބިންގާ އަޅަން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވާރސިޓީގެ ބިންގާ އަޅުއްވައިދީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭރު މަތީ ތައުލީމާއި ބެހޭ ވަޒީރު ކަމުގައި ހުންނެވި، ޑރ. އަލީ ހައިދަރު އަހްމަދެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށީގައި މި ކެމްޕަސް ގާއިމުކުރެވުމުން، އެ ސަރަހައްދުގެ ޒުވާނުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުވެގެންދާނެ އެވެ. ނަމަވެސް މިފަދަ މުހިންމު މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ރަށުގެ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އޭދަފުށީގެ ރައްޔިތުން ދަނީ ބުނަމުންނެވެ.