މި ސަރުކާރުން އާންމު ރައްޔިތު މީހާގެ އަމިއްލަ ޖީބަށް ބޮޑު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަން ފެށުމުން އެކަމަކަށް ހުރަސްއަޅަމުންދާ ކަމަށާއި، އެކަން އައްޑޫ ސިޓީން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ހިފެހެއްޓޭނެ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް އަގު ތިރި ކުރައްވާނެ ކަމުގެ ވައުދުފުޅާ އެކު ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންނަށް ޑޮލަރެއް ލިބެނީ 21 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

ޑޮލަރުގެ ހަގީގީ އަގަކީ 12.85 ރުފިޔާ ކަމަށާއި، އޭގެ އެންމެ މަތީ ބޭންޑަކީ 15.42 ރުފިޔާ ކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކުން ވެސް މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ އެންމެހައި ކަން ކަމަށް މިސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ. 

އެގޮތުން އައްޑޫ ސިޓީގެ ގެސްޓްހައުސް ވިޔަފާރިއަށް ހުރަސްއަޅާފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ސަވާހިލި ޕްރޮޖެކްޓް'' ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އެ މަޝްރޫއަށް އިންވެސްޓަރުން ހޯދަން ބިޑު ފޮތް ވިއްކަން ފެށުމުން، ކުއްލި ގޮތަކަށް ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ބިން ވެސް ސަރުކާރަށް ނަގާފައިވާ ކަމަށެވެ.

އައްޑޫ ހަގީގަތުގައި އައްޑޫގެ ގެސްޓްހައުސް ވިޔަފާރީގައި އެ ޑިވެލޮޕްމަންޓް ހުއްޓުވަނީ އެނގޭތޯ. ގެސްޓްހައުސް ވިޔަފާރިއާ ގުޅިގެން ފޭދޫގައި ބޮޑު ސަރަހައްދެއްގައި ގެސްޓްހައުސްއަށް އެބަ ޑިވެލޮޕްކުރެވޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރެވެން އޮތް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 250 ކޮޓަރިއާ ހިސާބަށް އެ ސަރަހައްދު ޑިވެލޮޕްވެގެނެއް އެބައާދޭ. އޭގެ މުހިންމު ޕޯޝަނެއްގެ ގޮތުގައި ސަވާހިލި އަޅުގަނޑުމެންނަށް އެކަން ކުރެވެން އެބައޮތް. އަދި އެއާ ގުޅިގެން އައްޑޫ ސިޓީ ގުޅިފައި އޮތް ހުރިހާ ރަށެއްގައި ގެސްޓްހައުސް ވިޔަފާރި ބޮޑުތަނުން ފަސޭހަވެގެންދާނެ. އެ މާކެޓް ކުރަން، އެ ވިއްކަން، އެ އިގްތިސާދު އައްޑޫގައި ހިފަހައްޓަން ބޮޑުތަނުން ފަސޭހަވެގެން އެބަދޭ، ސަވާހިލިއާ އެކީގައި ޑިވެލޮޕްކުރެވިއްޖެ އެނގޭތޯ. އަޅުގަނޑުމެންނަށް މިހާރު އަޑުއިވޭ، އީކުއޭޓަރ ހުއްޓުމަކަށް އަންނަ ވާހަކައެއް. އީކުއޭޓަރ ހުއްޓިއްޖެއްޔާ އައްޑޫގެ ގެސްޓްހައުސް، އެ ސަބަބުން ސަވާހިލި ޕްރޮޖެކްޓާ އެކީގައި ހުއްޓިގެންދާނެ 
އިބްރާހީމް ނާޒިލް

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރުން މިފަދަ ނިންމުންތައް ނިންމަނީ ކޮން ނިޔަތެއްގައި، ކޮން ބައެއްގެ ބަހަށްތޯ ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިއީ އައްޑޫގެ ރައްޔިތުން އިގްތިސާދީ ގޮތުން ކުރިއަށް ދިއުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި މެންބަރު ނާޒިލް ސިފަކުރެއްވި އެވެ.