ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯންޏެއްގެ ކެޕްޓަން ހޯދުމަށް ވަޔާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަަމަށާއި، އަދިވެސް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުން ދަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގައި މަސައްކަތް ކުރަމުންދާ، ގދ.ތިނަދޫއަށް އުފަން، 39 އަހަރުގެ، ސްޓާފް ސަރޖަންޓް އިބްރާހީމް މުހައްމަދު އެވެ. އަދި ގެއްލުނު ފުލުސް މީހާއަކީ 33 އަހަރުގެ ސާޖަންޓް އަލީ ނާފިއު އެވެ. މީގެ އިތުރުން ގެއްލިގެން ހޯދަމުންދާ ދޯނީގެ ކައްޕިއަކީ ތ. މަޑިފުއްޓަށް އުފަން، ދޮންވެލި، 35 އަހަރުގެ މުހައްމަދު ހަމްދޫން އެވެ.
ހުކުރު ދުވަހު އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހުން ހޯދުމަށް ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އޮގަސްޓް 6 ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް '' SA038, SA037 '' ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން އަދި ފެނިފައެއް ނުވާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު އެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.