ހުސްވި އަހަރު ރާއްޖޭގައި 15 އަހަރާއި 19 އަހަރުން ދަށުގެ މީހުންނަށް 65 ކުދިން ލިބުނު ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން އޮގަސްޓު ހަވަނަ ދުވަހު އާންމު ކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ އުމުރުފުރާގެ ގޮތުގައި ބެލޭ އުމުރުގެ ކުދިންނަށް ފާހަގަ ކުރެވޭ އަދަދަކަށް ދަރިން ލިބިފައިވެ އެވެ. އެ ގޮތުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް 15 އަހަރާއި 19 އަހަރާ ދެމެދުގެ މައިންނަށް ކުދިން ލިބިފައިވެ އެވެ. އެގޮތުން އަހަރުގެ ކޮންމެ ކުއާޓަރެއްގައި މި އުމުރުފުރައިގެ މީހުންނަށް އެވްރެޖްކޮށް 16 ކުދިން ލިބިފައިވެ އެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރާ ދެމެދު، މައިންގެ އުމުރުފުރާތަކަށް ބަހާލެވިފައިވާ ދިރިހުރި ކުދިން ވިހޭ ގޮތުގެ ތަފާސްހިސާބު|ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީގެ "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" އިން ފާހަގަވާ ގޮތުގައި ހުސްވި އަހަރު އެންމެ ގިނައިން ކުދިން ވިހާފައިވާ އުމުރުފުރައަކީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. މިއުމުރުފުރައިގެ މީހުންނަށް ޖުމްލަ 1،794 ކުދިން ލިބިފައިވެ އެވެ. ކުދިން ލިބިފައިވާ އެންމެ ދޮށީ އުމުރުފުރައަކީ 45 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެ އުމުރުފުރައިގެ މީހުން އަހަރުގެ ތެރޭގައި ޖުމްލަ 11 ކުދިން ވިހާފައިވެ އެވެ.
ހުސްވި އަހަރު ރާއްޖޭގައި އުފަންވެފައިވަނީ ޖުމްލަ 5،625 ކުދިންނެވެ. އުފަންވި ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. 2،835 ފިރިހެން ކުދިން އުފަންވެފައިވާއިރު އުފަންވި އަންހެން ކުދިންގެ އަދަދަކީ 2،789 އެވެ.
އަނެއްކޮޅުން ރާއްޖޭގައި ހުސްވި އަހަރު ނިޔާވި މީހުންގެ އަދަދަކީ 1،399 އެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ 70 ތުއްތު ކުދިން ހިމެނެ އެވެ. ނިޔާވި އެންމެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެއީ ނިޔާވި މީހުން 61 އިންސައްތަ އެވެ.