ސިއްހަތައް ފައިދާ ހުރި ކާނާ ހޯދަން ދިވެހީން ކުރަންޖެހޭ ހޭދަ ދުނިޔޭގެ ނިސްބަތުން ބޮޑު ކަމަށް ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) ގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

"ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ނިއުޓްރިޝަންގެ ހާލަތު 2026" ނަމުގައި ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ޚަރަދު ކުރަންޖެހޭ އެންމެ ކުޑަ މިންވަރަށް ބަލާއިރު ދިވެއްސަކު ދުވާލަކަށް 4.45 ޑޮލަރު ހޭދަކުރަން ޖެހެ އެވެ. އެއީ ރަސްމީ އެކްސްޗޭންޖް ރޭޓުން ބެލި ކަމުގައިވިޔަސް ގާތްގަނޑަށް 69 ރުފިޔާގެ މިންވަރެކެވެ.

މިކަން މިހެން އޮތް އިރު، ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ހިނގާ އެންމެ ކުޑަ ހަރަދު 2025 ވަނަ އަހަރު ވަނީ ކޮންމެ މީހަކަށް ދުވާލަކަށް 4.28 ޕާޗޭސިންގް ޕަވަރ ޕެރިޓީ (ޕީ.ޕީ.ޕީ) ޑޮލަރުގެ މިންވަރެއްގަ އެވެ. 

"ކޮސްޓް އޮފް އޭ ހެލްތީ ޑައިޓް" (ސިއްހަތަށް ފައިދާހުރި ކާނާގެ އަގު) ގެ ނަމުން ނަންދެވިފައިވާ މި އިންޑިކޭޓަރަކީ، ގައުމެއްގައި ސިއްހަތަށް ފައިދާހުރި ކާނާ ހިމެނޭ ގޮތަށް، އެ ގައުމަކުން ލިބެން ހުރި އެންމެ އަގުހެޔޮ ތަކެތި ގަތުމަށްޓަކައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް ހޭދަކުރަންޖެހޭނެ ކަމަށް ލަފާކުރެވޭ އެންމެ ކުޑަ މިންވަރެވެ.

މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި ސިއްހަތަށް ފައިދާހުރި ކާނާގެ އަގު ހުރީ ކޮންމެ މީހަކަށް ދުވާލަކަށް 4.45 ޕީ.ޕީ.ޕީ ޑޮލަރުގަ އެވެ. މިއީ ދުނިޔޭގެ އެވްރެޖް އަގު ކަމަށްވާ 4.28 ޑޮލަރާއި، ދެކުނު އޭޝިއާގެ އެވްރެޖް އަގު ކަމަށްވާ 4.18 ޑޮލަރަށްވުރެ ވެސް މަތީ އަދަދެކެވެ. ރާއްޖޭގެ މި އަދަދުތަކަށް ބަލާއިރު، 2021 ވަނަ އަހަރު 3.39 ޑޮލަރުގައި ހުރި އަގު 2024 ވަނަ އަހަރު 4.30 ޑޮލަރަށް އުފުލިފައިވާއިރު، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކާނާގެ އަގު ވަނީ 31 އިންސައްތައަށްވުރެ ބޮޑަށް އުފުލިފަ އެވެ.

ސަރުކާރުން މަހަކު އެއް ފަހަރު ހާމަކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ކާބޯތަކެތީގެ އަގުތައް ކޮންމެ މަހަކު ކަހަލަ ގޮތަކަށް ދަނީ އުފުލެމުންނެވެ. މިދިޔަ ޖޫން މަހަށް ބަލާއިރު ވެސް ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް މަތިވުން ކަމަށް ރާއްޖޭގެ ތަފާސް ހިސާބާ ބެހޭ ސަރުކާރުގެ އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަސް ހިމެނޭހެން ކާބޯތަކެތީގެ އަގުތައް ޖޫން މަހު 1.90 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.28 އިންސައްތަ އިތުރު އަދަދެކެވެ. އަގުތައް މައްޗަށް ގޮސްފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އެގޮތުން ތަރުކާރީގެ އަގުތައް ވަނީ 18.87 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

މެއި މަހާ އަޅާބަލާއިރު ޖޫން މަހު ފިޔާގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަ އުފުލި، 91.83 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން ކެރެޓުގެ އަގު 14.8 އިންސައްތަ، އަލުވީގެ އަގު 11.4 އިންސައްތަ އަދި ވިލާތު ބަށީގެ އަގު 10 އިންސައްތަ ވަނީ އުފުލިފަ އެވެ. އަދި ކުކުޅު ބިހުގެ އަގު 6.6 އިންސައްތަ މަތިވިއިރު، ފްލޭވަރޑް މިލްކް ޕެކެޓުގެ އަގު ވަނީ 2.5 އިންސައްތަ އުފުލިފަ އެވެ.

އަނެއްކޮޅުން ތަފާސް ހިސާބުން ފެންނަ ގޮތުގައި ވެރިރަށް މާލެއަށްވުރެ އަތޮޅުތެރޭގައި ތަކެތީގެ އަގުތައް އުފުލޭ ނިސްބަތް ހުރީ މަތީގަ އެވެ. ޖޫން މަހު މާލޭގައި ތަކެތީގެ އަގުތައް 0.2 އިންސައްތަ އުފުލުނުއިރު، އަތޮޅުތެރޭގައި މި އަދަދު ހުރީ 0.4 އިންސައްތައިގަ އެވެ. އަހަރީ އިންފްލޭޝަނަށް ބަލާއިރު މާލޭގައި 2 އިންސައްތަ ރެކޯޑުކުރެވުނު ނަމަވެސް، އަތޮޅުތެރޭގައި މި އަދަދު ވަނީ 3.5 އިންސައްތައަށް އަރާފަ އެވެ.