މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ހިތިގަސްމަގުން، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވާފައިވެ އެވެ. އެ ސައިކަލު ހުއްޓުވިއިރު، ސައިކަލު ދުއްވަން އިން މީހާގެ އަމަލުތައް ހުރިގޮތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އަޙްމަދު އާލިޝް ޢާޞިމް ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ސައިކަލު ދުއްވި މައްސަލައާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.