ރައީސުލްޖުމްހޫރިއްޔާގެ
ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީކުރުމުގެ ގަވާއިދަށް
ބަދަލު ގެނެސް، އައު ޤަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މި ސަރުކާރުން
ފުރަތަމަ މި ގަވާއިދު އެކުލަވާލީ 2024 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެފަހަރެއްގެ
މަތިން ގަވާއިދަށް އިސްލާޙު ގެނެސްފައިވާއިރު، މިހާރު އެ ގަވާއިދު ބާތިލުކޮށް މުޅިން
އައު ގަވާއިދެއް އެކުލަވާލާފައިވެ އެވެ. އައު ގަވާއިދުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ
އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.

އެ މާއްދާގައިވާ
ގޮތުން ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ
ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ
ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ އެވެ.

މި ގަވާއިދުގެ
ދަށުން ބިން ދޫކުރެވޭ 6 ގޮތެއް އޮންނައިރު، އޭގެ ތެރޭގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ
އޮންނަ ކުންފުނިތަކަށް ބިން ދޫކުރުންވެސް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން،
ގަވާއިދުގައި ހިމެނޭ ބައެއް އިތުރު ކަންކަމަށް ބަލާއިރު، ބިމުގެ އަގާއި ކުލި ކަނޑައަޅާނީ
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީންކަމަށް ބަޔާންކޮށްފައިވެ
އެވެ. އަދި އެ ގޮތަށް އަގު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަންވެސް ވަނީ ބަޔާންކޮށްފަ
އެވެ. އޭގެ ތެރޭގައި ބިމުގެ ތަނަވަސްކަމާއި، އިގްތިސާދީ ފުދުންތެރިކަމާއި، ބިމުގެ ޑިމާންޑް
ހިމެނެ އެވެ.

ލޭންޑް ވެލުއޭޝަން
ކޮމިޓީގައި 9 މެންބަރުން ހިމެނޭއިރު، ކޮމިޓީ ޗެއަރ ކުރާނީ އެ 9 މެންބަރުންގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުކަމަށް ބަޔާންކޮށްފައިވެ އެވެ.

ލޭންޑް ވެލުއޭޝަން
ކޮމިޓީގައި ހިމެނެނީ، މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ބިން ބޭނުންކުރުމާ
ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެމްބަރުން، އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ
ވުޒާރާގެ މެންބަރެއް، މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް،
ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، އިމާރާތްކުރުމާ ގުޅޭ
ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ
ވުޒާރާގެ މެންބަރެއް އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މެންބަރެކެވެ.