މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އއ.އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ބޭއްވީ 5 އޯގަސްޓް 2026 ގައި އެރަށަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ 20 އޮގަސްޓް 2025 ގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ދުވަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އުކުޅަހުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 6 ނޮވެންބަރު 2025 ގައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މުޅި މަޝްރޫއު 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ނަމަވެސް ބުދަ ދުވަހާ ހަމައަށް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

އުކުޅަހުގައި އަޅާ މި ހައުސިންގް ޔުނިޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި މަޝްރޫއުގެ ސަބަބުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.