މި
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖެ ދިވެހިންގެ އަތުން ބީވެގެންދާ
ފަދަ ހާލަތަކަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ރާއްޖޭގެ ސަރަޙައްދުތަކެއް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލާގޮތަށް ސަރުކާރުން ފެށި ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ސިޔާދަތަށް ކުރާނެ އަސަރު 241 ކޮމިޓީން ބަލަންޖެހޭކަމަށް ރައްޔިތުންގެ
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، މި ސަރުކާރަކީ
ވަރަށް "ވިޔާނުދާ" ސަރުކާރެއް ކަމަށާއި، ކޮންމެ ރަށަކަށް ބޮޑެތި ވައުދުތަކެއް
ވުމަށްފަހު އެ ވައުދުތައް ފުއްދައިދޭ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. އެގޮތުން
އައްޑޫ ސިޓީގެ ލިންކް ރޯޑުގެ މަސައްކަތަށް ބަލާއިރު، ސަރުކާރަށް އަހަރެއް ވެގެންދިޔައިރުވެސް
މަގު ސާފުކޮށްލުން ނޫން ކަމެއް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ
ސަރުކާރުގެ މަޝްރޫއުތައް ހިނގާ ސްޕީޑު ފެންނަން އޮތް ގޮތް ކަމަށްވެސް އޭނާ ވިދާޅުވި
އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލުކުރައްވަމުން ގެންދަވާ ގޮތުން ގައުމުގެ މިނިވަންކަމަށް
ނުރައްކާވަމުންދާ ކަމަށް ތުހުމަތުކުރައްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، ސަރުކާރުން
"ޓައުންޝިޕް މަޝްރޫއު" ގެ ނަމުގައި ރާއްޖޭގެ 12 ނޯޓިކަލް މޭލު ސަރަހައްދުގެ
ތެރޭގައި "ފުރޭތަ ސަހަރުތަކެއް" ބިނާކުރަމުންދާ ކަމަށެވެ. އެ ތަންތަނަކީ
ރާއްޖޭގެ ގާނޫނު ނުހިނގާ، އަދި ފުލުހުންނާއި ސިފައިންނަށްވެސް ނޭރޭނެ ފަދަ ތަންތަން
ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން،
އެ ސަހަރުތަކުގައި ޓެކްސް ނެގުމުގެ ކަންކަންވެސް ހުރީ އެކަށީގެންވާ ގޮތެއްގައި ބެލުމެއް
ނެތި ކަމަށާއި، ދިވެހި ރައްޔިތުންނަށް ނުލިބޭ އެތައް ހައްގުތަކެއް އެ ތަންތަނުގެ ވެރިންނަށް
ލިބޭ ގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އިބްރާހީމް
ރަޝީދު ވިދާޅުވީ މިފަދަ ކަންކަމަކީ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމަށް ވުރެ ބޮޑަށް،
ގައުމުގެ ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ސަރުކާރުގެ "ޓައުންޝިޕް މަޝްރޫއު" ގެ ގޮތުގައި މިހާރު އެ އަޅަނީ ރާއްޖޭގެ 12 ނޯޓިކަލް މޭލު ސަރަޙައްދެއްގައި، އަތޮޅު ތެރޭގައި ފުރޭތަ ސަހަރުތަކެއް. އެތާނގައި ޤާނޫނެއް ނުހިނގާ، އިންތިހާއަށް ފަރަޤު އެބަހުރި، އެ ސަހަރުތަކަށް ނޭރޭ ފުލުހުންނަށްވެސް ސިފައިންނަށްވެސް، ޤާނޫނު ނުހިނގާ ތަންތަން އެއީ، މަޖިލީހުގެ 241 ކޮމިޓީން ބަލަންޖެހޭނެ މި ކަންކަމުގެ ސަބަބުން މިނިވަންކަމަށް ހުރަސް އެޅޭނެތޯ ނުވަތަ ނޫންތޯ
އިބްރާހީމް ރަޝީދު (ބޮންޑާ) 

ސްޕެޝަލް
އިކޮނިމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް
ހިންގާ ޓައުންޝިޕް މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މި އަހަރުގެ ޖަނަވަރީ 29 ވަނަ
ދުވަހު އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ މި މަޝްރޫއަކީ،
އިގުތިސާދީ ގޮތުން ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ހެދުމަށް ސަރުކާރުގެ
ތަސައްވުރުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޓައުންޝިޕް
ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ
އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާކަމަށް ބުނެ އެމްޑީޕީ
ޕީޖީން ވަނީ މައްސަލަވެސް ހުށަހަޅާފަ އެވެ. އެގޮތުން މި ޓައުންޝިޕްތަކުގައި ބޭރު
މީހުން ދިގު މުއްދަތަކަށް އުޅެވޭނެ ގޮތަށް "މޯލްޑިވްސް ޕާލް
ރެޒިޑެންސް"ގެ ނަމުގައި ރެޒިޑެންސް-ބައި-އިންވެސްޓްމަންޓް ޕްރޮގުރާމެއް
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރިއަށް ގެންދެވި ކަމަށް އެ
މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި މިއީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް
މަކަރު ހެދުމަށް މަގުފަހިވާ، އަދި ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވާނެ
ކަމެއް ކަމަށް، އެމްޑީޕީން ފާހަގަ ކުރެ އެވެ.