"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ގެއްލުނު ސިފައިންގެ މީހާ އާއި ފުލުހުންގެ މީހާގެ އިތުރުން ކެޕްޓަން އެންމެފަހުން ހުރީ އެ ދޯނީގައި ޕަންޕް ސެޓަޕް ޖަހައިގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައިކަން އެނގިއްޖެ އެވެ.  

މިހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގައި މަސައްކަތް ކުރަމުންދާ، ގދ.ތިނަދޫއަށް އުފަން، 39 އަހަރުގެ، ސްޓާފް ސަރޖަންޓް އިބްރާހީމް މުހައްމަދު އެވެ. އަދި ގެއްލުނު ފުލުސް މީހާއަކީ 33 އަހަރުގެ ސާޖަންޓް އަލީ ނާފިއު އެވެ. މީގެ އިތުރުން ގެއްލިގެން ހޯދަމުންދާ ދޯނީގެ ކައްޕިއަކީ ތ. މަޑިފުއްޓަށް އުފަން، ދޮންވެލި، 35 އަހަރުގެ މުހައްމަދު ހަމްދޫން އެވެ.

މިހާދިސާއާ ގުޅޭގޮތުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ބުނީ، ގެއްލުނު ތިން މީހުން އެންމެފަހުން ފެނުނީ ދޯނީ ދިޔަވާތީ ޕަންޕް ސެޓަޕް ޖަހައިގެން ހިއްކުމުގެ މަސައްކަތް ކުރަމުންދިޔައިރު ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އެރި ރާޅަކާއެކު، އެދޯނި އަރިއަޅާލައި، އަޑިއަށް ދިޔައީ ކަމަށެވެ. 

އޭނާ ބުނި ގޮތުގައި، އެ ދޯނީގައި ގާތްގަނޑަކަށް 98 ފޫޓު ހުންނާނެ އެވެ. 

މި ތިން މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކޮށްފައިވާއިރު، ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުން ކޮށްގެންނާއި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. 

މިހާދިސާގެ ރިޕޯޓު  އެމްއެންޑީއެފްއަށް ލިބުނީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގެ 22:37 ހާއިރު އެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ މި ސަޕްލައި ދޯނި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ. 

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ.