ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އިންޒާރުދޭ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް މި ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވަނީ އިގްތިސާދީ ހާލަތާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވައި، ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަންނަކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ރާއްޖޭގައި ކަރަންޓު ބިލްތައް ބޮޑުވެ، ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، ރައްޔިތުންގެ އާމްދަނީއަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބެ، މިފަދަ ވާހަކަތައް ދެއްކުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުގެ ޕާޓީއަށް ނިސްބަތްވާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ހައްގުގައި އަދި ރައްޔިތުންގެ ހާލަތާމެދު ހަގީގަތާ އެއްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނެތް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

މިފަހުން ހިނގާދިޔަ ކަންތައްތަކަކަށް އަލިއަޅުއްވާލައްވައި ނާޒިލް ވިދާޅުވީ އެމްއޭސީއެލް ހިންގާ ގޮތާއި ވަޒީފާ ދޭ އުސޫލުތަކާ ގުޅޭގޮތުން ވާހަކަދެއްކެވި މެންބަރަކު އޭނާ ހުރި ކޮމިޓީން ބަދަލުކޮށް، އަނގަބަންދުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރިނަމަވެސް ރައްޔިތު މީހާގެ ހައްގުގައި ބަސް ބުނެވެން ނެތް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. 

މިއަދު އެ ބޭފުޅުން ކިތަންމެ ވަރަކަށް ރައްޔިތުންގެ މަޖިލީހުގައި އެ ބޭފުޅުންގެ މެންބަރުން އެއްޗެކޭ ބުނަން ބޭނުންވެފައި ތިބިޔަސް ވެސް އެ ބޭފުޅުންނަކަށް ނޭނގެ އެ ވާހަކަ ދެއްކޭކަށް. ހުއްޓުވަނީ. ހަމަ އެންމެ އެއްޗެއް ބުނާއިރަށް އެ ހުއްޓުވަނީ
އިބްރާހީމް ނާޒިލް

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މެންބަރުންނަށް އިންޒާރުދޭ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް ފިއްތުންތައް ކުރިމަތިކުރުމަކީ މި ސަރުކާރުން އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް މަޖިލީހާ ހަމައަށް އަންނަމުންދާއިރު، ސަރުކާރު މެންބަރުންނަށް އޮތީ ހަމައެކަނި ސަނާކިޔުންތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ މިނިވަންކަން މަޖިލިސް މެންބަރުންނަށް އޮންނަންޖެހޭ ކަމަށާއި، ސަރުކާރުގެ ނުފޫޒުން މެންބަރުންގެ އަޑު ކަނޑުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން މިސަރުކާރާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުމެ އަޑު އުފުލުމަށް ނާޒިލް ގޮވާލެއްވި އެވެ.