ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު ގައުމެއްގެ މީހަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އެ މީހާ އަތުލައިގެންފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން، ސުވާލުކުރުމަށްފަހު ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި އަޅާފައިވާ ގިނަ އަދަދެއްގެ ބުލެޓްތަކެއް ދިރުވާލާފައި ހުރިކަން ޔަގީންކުރެވުމުންނެވެ. އޭނާގެ ހަށިގަނޑުން ނެގި ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފަ އެވެ.

މި މީހާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވާއިރު، އޭގެ ބަރުދަނުގައި 1،180 ގްރާމް ހުއްޓެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މީހާއާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރު ތަހުގީގަށް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. މި މީހާއާ ގުޅޭ އިތުރު ތަފުސީލެއް ކަސްޓަމްސްއިންނާއި ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ ހުސްވި ޖުލައި މަހުގެ 19 ވަނަ ދުވަހު ހިނގި ހާދިސާއެއް ކަމަށް ކަސްޓަމްސް އިން ވަނީ މައުލޫމާތުދީފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތީ ކަންކަން ކަސްޓަމްސްއިން ބަލަހައްޓަމުންދާ ކަމަށް ބުނި ނަމަވެސް މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.