މ. މުލަކުގައި މަސްވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު
ސޯލިހުގެ ސަރުކާރުން ފެށި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ މަސައްކަތް
ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މަޝްރޫއަކީ
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މުހިންމު
މަޝްރޫއެކެވެ.

މުލަކު ކައުންސިލުން
ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ވެރިކަން ބަދަލުވިއިރު މި މަޝްރޫއުގެ
ދަށުން ބޮޑެތި ބޯޓުފަހަރު ކައިރިކުރެވޭ ގޮތަށް ބޭރު ފުންކޮށްގެން ހަދާފައިވާ ޖެޓީގެ
މަސައްކަތްތައް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ނަމަވެސް، ވެރިކަން ބަދަލުވުމާއެކު،
މަސް ކޭނިންގ އާއި ޕްރޮސެސް ކުރުމަށްޓަކައި ކުރަންޖެހޭ އިތުރު އެއްވެސް މަސައްކަތެއް
ކުރިއަށް ނުދާ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

މި މަޝްރޫއު
ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާ މަޝްވަރާ ކުރުމުން، އެދެވޭ
ޖަވާބެއް ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ. މިނިސްޓްރީން ދިން ޖަވާބުގައި،
މިހާރު އެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފ. ނިލަންދޫގައި
ކަމަށް ބުނެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އަދި ނިލަންދޫއަކީ އިންޑަސްޓްރިއަލް
މަސައްކަތްތައް ކުރާ ރަށެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށް ވެސް ކައުންސިލުން
ބުންޏެވެ.

މި ސަރުކާރު
ވެރިކަމާ ހަވާލުވި ފަހުން މުލަކު ކޯލްޑް ސްޓޯރޭޖް ސަރަހައްދުގެ ބިން ސާފުކޮށްލުން ފިޔަވައި
އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާކަން ކައުންސިލުން ފާހަގަކުރެ
އެވެ. މި މަޝްރޫއަކީ ކުރިން ހަވާލުކޮށްފައި އޮތް ތާވަލަށް ބަލާއިރު، 2026 ވަނަ އަހަރުގެ
ނިޔަލަށް އެއްކޮށް ނިންމައި ބޭނުންކުރަން ފަށަންޖެހޭ މަޝްރޫއެކެވެ.

މުލަކަކީ
މަސްވެރި ރަށަކަށްވެފައި، އަތޮޅުގެ މަސްވެރިންނަށް ފަސޭހައިން މަސް ކިރުވޭނެ އިންތިޒާމެއް
ގާއިމުކުރުމަށް ފެށި މި މަޝްރޫއު ހުއްޓި، އެހެން ރަށަކަށް ބަދަލުކުރަން އުޅޭތީ ރަށުގެ
ރައްޔިތުންނާއި މަސްވެރިންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ. މި
މަޝްރޫއު ނިމުމުން މުޅި އަތޮޅުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މުލަކު
ރައްޔިތުން އުއްމީދު ކުރަމުންދިޔަ ނަމަވެސް، މިހާރު މަސައްކަތް އޮތް ގޮތުން އެ އުއްމީދުތައް
ވަނީ ފަނޑުވެފަ އެވެ.