މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވެފައިވާއިރު އެ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ވެސް އެ ކުންފުނިން ސާފުކޮށްދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް އުފެއްދުންތެރިކަން ނެތް މީހުންނަށް ހަރަދު ކުރަމުންދާ ކަމަށެވެ. އަދި މިފަދައިން އުފެއްދުންތެރި ކަމެއް ނެތް ގޮތުގައި ކުންފުނިތަކަށް ވަޒީފާއަށް މީހުން ނެރޭ ކަމުގައި ވާނަމަ، އިގުތިސާދަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަޅުގަނޑުމެން ގަބޫލު ކުރަން އެބަޖެހޭ އަޅުގަނޑުމެން ބަޖެޓްގެ ވަރަށް ބޮޑު ބައެއް އަޅުގަނޑުމެން އެބަދޭ، ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެބަދޭ ދެއްތޯ 65 އަހަރު ވެފައިވާ މީހުންގެ އަސާސީ މުސާރައަށް، މައްސަލައެއް ނެތް އެއީ އުމުރުން އަސުރު ވަގުތު ވެފައި ތިބި މީހުން އެމީހުންގެ އުފެއްދުންތެރި ކަމެއް ނުލިބޭނެ އެހެންނަމަވެސް ބަޖެޓުން އެއް ބިލިއަން ރުފިޔާ އެބަ ދެން. އެގޮތަށް މިގޮތަށް އެކަމު ވަޒީފާއަށް ނުނިކުންނަ ގޮތަށް ގޭގަ ތިބޭ ގޮތަށް މުސާރަ ދޭކަމުގައި ވަންޏާ އަޅުގަނޑުމެން އިގްތިޞާދު ދާނީ ދުވަހެއް ދުވަހެއް ފަހަތަށްއަހުމަދު ނާޒިމް
ނާޒިމް ވިދާޅުވީ މިހާރު ހަގީގަތާއި ކުރިމަތިލާން އެބަ ޖެހޭ ކަމަށާއި ފެނަކަ ފަދަ ކުންފުނިތައް ވެސް މިހާރު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ނާޒިމް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވިއިރު، އޭރުގެ ކޮމިޓީގެ ނާއިބު މުގައްރިރު އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް ރެޑްވޭވް އަހްމަދު ސަލީމް އާއެކު އެމްޕީއެލްއަށް ވަޑައިގެންނެވި ދުވަހެއްގައި، އެ ކުންފުނީގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް 600 މުވައްޒަފުން ތިބި ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވި ކަމަށާއި އެމްޕީއެލްގެ މުވައްޒަފުންގެ މުސާރައަށް މަހަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްއޭސީއެލްގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވުމާއެކު އެ ކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒުއާ ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ބަޔަކު އެމްއޭސީއެލްގައި ތިބިކަން އެނގިވަޑައިނުގަންނަވާ ކަމެށެވެ. އަދި ކުންފުނިތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.