ކައުންސިލަރުންނާއި
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ
ބޯޑަށް އިންތިޚާބުކުރާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް
ކައުންސިލުތަކުން ދަތުރުކުރާ ފަރާތްތަކުގެ ޚަރަދުތައް ކައުންސިލުގެ ބަޖެޓުން
ހަމަޖެއްސުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމަށްފަހު އެ ޚަރަދު ނުކުރުމަށް އަންގައިފި އެވެ.
ވޯޓުލުމަށް ކުރާ ދަތުރުގެ ހުރިހާ ޚަރަދެއް ކައުންސިލު ބަޖެޓުން ކުރުމަށް ހުރިހާ ކައުންސިލުތަކަށް ޖުލައިމަހުގެ
13 ގެ ތާރީޚުގައި ފޮނުވި ސިޓީ އަކުން ކުރިން އޮތީ އަންގާފަ އެވެ.
އެ ޚަރަދުކުރަން
ކައުންސިލުތަކަށް އެންގުމަށްފަހު އޯގަސްޓު 4 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުވި
ސިޓީގައި ބުނެފައިވަނީ ވޯޓުލުމަށް ދަތުރުކުރާ މެމްބަރުންގެ ޚަރަދުތައް
ކައުންސިލުގެ ބަޖެޓުން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެގޮތުން އެ ޚަރަދު
ނުކުރުމަށް ފިނޭންސް މިނިސްޓްރީން އެލްޖީއޭ އަށް އަންގާފައިވާ ކަމަށް ވެސް ވަނީ
ބުނެފަ އެވެ.
"ވީމާ މާލީ
ވުޒާރާއިން އަންގާފައިވާ ގޮތުގެ މަތިން މި އިންތިޚާބާ ގުޅިގެން ވޯޓުލުމަށް ވަޑައިގަންނަވާ
މެމްބަރުންގެ ދަތުރުފަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަ ޖެއްސުމަށް
ކައުންސިލުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރުމަށް ދަންނަވަމެވެ." އެލްޖީއޭގެ
ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވާ ކައުންސިލުތަކަށް ފޮނުވާފައިވާ
ސިޓީގައިވެ އެވެ.
މިކަން މިހެން ހިނގާފައިވާއިރު، ކުރިން ނިންމި ނިންމުން މުޅިން ބަދަލުކޮށް އެއާ ތަފާތުކޮށް އަމަލު ކުރަން ފަހުން ބުނުމަކީ މި ސަރުކާރުގައި އާއްމުކޮށް ހިނގާ ކަމެއްކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.