ދެ ޕެޑު ދޭތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި
އެތެރެކުރި އަންހެނަކާއި، އެ ތަކެއްޗާ ހަވާލުވުމަށް ދިޔަ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު،
ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.  

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް
ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންހެނަކާއި، މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި އަންހެން މީހާވެސް ފުލުހުންގެ ބަންދުގައި ހުރިއިރު،
އޭނާއާ ގުޅުންހުރި ފިރިހެން މީހާ އޭރު ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ކޮންޓްރޯލް
ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި، މި އަންހެން މީހާ
މަސްތުވާތަކެތި އެތެރެކޮށްފައިވަނީ އެހެން މީހަކު ދިން އިރުޝާދުގެ މަތިންނެވެ. އޭނާ
އެތެރެކުރި ތަކެތި އެހެން މީހަކާ ހަވާލުކުރުމަށްޓަކައި ގެންގޮސް ލާފައިވަނީ ހުޅުމާލެ
އެމްޕީއެލް ޓަވަރުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއްގެ ޕޮކެޓަށެވެ. ފުލުހުންގެ އޮޕަރޭޝަނުގައި
އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އެ ސައިކަލު ކައިރިއަށް ގޮސް އެ ތަކެއްޗާ ހަވާލުވި
ވަގުތުގަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާއާ
ފުލުހުން ސުވާލުކުރުމުން، އޭނާ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ
ގުޅޭގޮތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓުމަންޓު
ބަލައި ފާސްކުރުމަށް އޭނާ ދިން ހުއްދައާއެކު ފުލުހުން އެތަން ބަލައި ފާސްކުރިއިރު،
އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި ތެރޭގައި އޮތް ގަމީހެއްގެ ޖީބުން ވެސް އިތުރު މަސްތުވާތަކެތި
ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް
ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި ހިމެނޭ އަންހެން މީހާ ވެސް ހުރީ
ފުލުހުންގެ ބަންދުގައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.