ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
އިން  އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް
ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ
ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. އަދި މިއީ ބޭންކުގެ
ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް،
ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ
ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު
މުހިންމު ފިޔަވަޅެކެވެ.

ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު
ބަދަލުތަކުގެ ތެރެއިން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް
އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ
މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކަކީ:

އައިޝަތު ޒަމްރާ ޒާހިރު: ޗީފް
ކޮމަރޝަލް އޮފިސަރު

މޫސާ ނިމާލް: ޗީފް މާކެޓިންގ
އޮފިސަރު

ރަޝްފާ ޖައުފަރު: ޗީފް ރިސްކް
އޮފިސަރު

ގެރީ ލޯޓަން: ޗީފް ކްރެޑިޓް
އޮފިސަރު

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު
މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ
ބަދަލުތަކެއް ކަމަށެވެ. އަދި ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބޭންކުން މައުލޫމާތު ދޭ ގޮތުގައި މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް
ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ
އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

 ބޯޑު އޮފް ޑައިރެކްޓަރުންގެ އެޕްރޫވަލްއާއެކު
ބަދަލުގެނެވުނު މި އައު އޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 4 އޯގަސްޓް 2026 އިން
ފެށިގެންނެވެ.