މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ނަމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ދަށުން ބިދޭސީންނަށް ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ހުއްދަ ވިއްކުމުގެ ސިޔާސަތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، އެ ގަރާރަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅުމުގެ ހުއްދަ ވިއްކުމުގެ ސިޔާސަތު ވަގުތުން މެދުކަނޑާލައި، އެކަމާ ގުޅޭ އެންމެހައި ތަފްސީލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލުމުގެ އިތުރުން، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހަޅާފައިވާ ގަރާރެއް ނަމަވެސް މިކަން ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ނަމަ އެކަމުގައި ގޯހެއް އުޅޭ ކަމަށެވެ.

މައުރޫފް ވިދާޅުވީ، މި ސަރުކާރު ފެށުނީއްސުރެ ފެންނަމުންދަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ދައުލަތަށް ފައިސާ ހޯދުމުގެ ނަމުގައި މަޝްރޫއުތައް އިއުލާން ކުރަމުންދާ މަންޒަރު ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރަމުންދާ ކަމަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ވައްކަން ކުރުން ކަމަށެވެ.

މި މައުލޫމާތު ރައްޔިތުންނަށް ހާމަވިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރާނީ ގޯހެއް އުޅޭތީ. އަޅުގަނޑުމެންނަށް މި ވެރިކަން ފެށުނީއްސުރެ ފެންނަމުން މިދަނީ ފައިސާ ދައުލަތަށް ހޯދުމަށްޓަކައި އެއްވެސް އުސޫލެއް ހަމައެއް ނެތި މަޝްރޫއުތައް ހިންގަން މަސައްކަތްކުރާ ތަން. އެހެންނަމަވެސް މައިގަނޑު ގޮތެއްގައި މި ކުރާ ކަމަކީ މަޝްރޫއުތަކުގެ ނަމުގައި ވައްކަން ކުރަނީ
މައުރޫފް ޒާކިރު

މައުރޫފް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ޑްރޯންތަކެއް ގަނެފައިވީ ނަމަވެސް، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ޑޮލަރެއް އިސްރާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން، ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ޑޮލަރުގެ ތާށިކަމަށް ރިއާޔަތްކުރައްވައި މައުރޫފް ވިދާޅުވީ، 800 މިލިއަން ޑޮލަރު ހޭދަކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމަކީ މިވަގުތުގެ ހާލަތާ ބަލާއިރު އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާނެ ފައިދާއަކާ މެދު އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ގާނޫނެއް ނެތި، ބިދޭސީންނަށް ރާއްޖޭގައި ދިގު މުއްދަތަށް ދިރިއުޅުމުގެ ހުއްދަ ވިއްކުމުގެ މަޝްރޫއު ކުރިއަށްގެންދާތީ މައުރޫފް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މިފަދަ ކަމަކާ ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަކަށް އޭނާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގަންވާނީ ގާނޫނަކުން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ. މީގެއިތުރުން، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރާނެ އަސަރުތަކާއި ނުކުންނާނެ ނަތީޖާތައް ސާފުކޮށް އެނގެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ދިވެހި ބިމުން ބައެއް ބޭރުގެ އިންވެސްޓަރުންނަށް ދީ، އެ ފަރާތްތަކުން އެ ބިންތައް ވިއްކުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވި އެވެ.