އައްޑޫ ސިޓީ ހުޅުދޫގެ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ނުދަނީ ޓެންޑަރއަށް ހުޅުވާލުމުން އެއްވެސް ގާބިލު ކުންފުންޏަކުން ކުރިމަތިނުލުމުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ކެންދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަން ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ވަނީ ހާޒިރުވެވަޑައިގެންފައި އެވެ. 

މަޖިލީހުގެ މެންބަރުންނަށް އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ސަރުކާރުން އިއުލާނު ކުރި ހައުސިންގ މަޝްރޫއުތަކުގެ ލިސްޓުގައި ހުޅުދޫގެ 100 ހައުސިންގ ޔުނިޓު ނެތީ ކީއްވެ ތޯ ސުވާލު ކުރައްވާފަ އެވެ. އަދި ހުޅުދޫގައި 100 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށް ވިދާޅުވި އެވެ. 

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރިން 57 ރަށެއްގައި ހައުސިންގ ޔުނިޓު އެޅުމަށްޓަކައި އިއުލާން ކުރި ނަމަވެސް އެ އިއުލާނުގެ ދަށުން އެކަށީގެންވާ މިންވަރަށް ގާބިލު ކުންފުންޏަކުން ކުރިމަތިނުލާ ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ވަނީ މުޅި ޓެންޑަރ ބާތިލުކޮށްފައި ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ބެލީ އެންޑް ޔޫސަރ ފައިނޭންސް މޮޑެލްއަށް ހައުސިންގ މަޝްރޫއު ކުރިއަށް ގެންދެވޭތޯ ކަމަށެވެ. 

އެއީ އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފަސްޓް ޓައިމް ހޯމް ބަޔަރގެ ދަށުން ގަންނަ ކަމުގައި ވެއްޖެޔާމު އެތަންތަން ވިއްކަން ޖެހޭނީ 1.5 މިލިއަން ރުފިޔާއަަށޭ، އަޅުގަނޑުމެން ސަރުކާރުން އެ ފަރާތްތަކަށް އިކުއިޓީ ގޮތުގައި 250،000 ރުފިޔާ ދޭނަމޭ އެހެންވީމަ އެކަހަލަ މޮޑެލްއެއްގެ ތެރެއިން ސަރުކާރުން އެހީތެރިވެ ދީގެން މިކަން ކުރިއަށް ގެންދެވި ދާނެތޯ އެވަރުގެ ކެޕޭސިޓީ ރާއްޖޭގެ ޑިވެލޮޕަރުންގެ ހުރިތޯ ބަލަން އަޅުގަނޑުމެން ބައެއް ރަށްތައް އިއުލާން ކުރީ 
ޑރ. އަބްދުﷲ މުއްތަލިބު 

މީގެއިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އިމާރާތް ކުރުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ 2025  ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 57 ރަށެއްގައި ހައުސިންގ މަޝްރޫއު ހިންގުމަށް އިއުލާނު ކޮށްފައި އެވެ.