ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް، މއ.އެރަލްސީ، އަޙްމަދު މަމްދޫހް ރައީސް ޑރ. މުހައްމަދު މުއިއްޒު ޢައްޔަން ކުރައްވައިފި އެވެ.
އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ ހޯމަ ދުވަހު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ.
އަޙްމަދު މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކެލަނިޔާއިން ބެޗްލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައި ކަމަށާއި، އަޙްމަދު މަމްދޫހް މީގެ ކުރިން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕމަންޓް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައި ކަމަށާއި، އަޙްމަދު މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.