ފެނަކަ ކޯޕަރޭޝަންގެ އިން ހައުސް މަސައްކަތްތަކުގައި އުޅުނު މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާކަން ހާމަވެފައިވާތީ، އެ މީހުން ފާހަގަކޮށް، އެ ފައިސާ އަނބުރާ ހޯދަން، ރައްޔިތުންގެ މަޖިލީހުން އެ ކޯޕަރޭޝަނަށް އެންގުމަށް ފާސްކޮށްފި އެވެ. 

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެނަކައިގެ މުވައްޒަފުން ރެކްރޫޓްކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތް ވަނީ ހުށަހަޅާފަ އެވެ. 

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ މި ރިޕޯޓަށް އެއްވެސް އިސްލާހެއް ހުށަހަޅާފައިނުވާއިރު އެ ރިޕޯޓަށް ވޯޓުގެ ވަގުތުގައި ވޯޓަށް އަހާފައިވެ އެވެ. މަޖިލީހުން އެ ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފެނަކަ އަށް އެންގުމަށް އެ ރިޕޯޓުގައި ހިމަނާފައިވާ 10 ކަމަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުށަހެޅުމަށް ނިންމާފައިވާ 2 ކަމެއްގެ އިތުރުން އޮޑިޓަރ ޖެނެރަލް އަށް ދެންނެވުމަށް ހިމަނާފައިވާ 1 ކަންތަކުގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައިވާ 1 ކަމެއް އެންގުމަށް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުގައި މަޖިލީހުން ފެނަކަ އަށް އެންގުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރު ކުރުމަށްފަހުގައި ނޫނީ އިތުރަށް މުވައްޒަފުން ނުނެގުމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް އޭސީސީ އިން ތަހުގީގު ކުރުމަށް އެންގުމާއެކު، ފެނަކަ ރައިޓް ސައިޒް ކުރުމާ ގުޅިގެން ކުންފުނީގެ ޚަރަދުތަކަށް އައިސްފައިވާ ބަދަލުތަކާއި އާމްދަނީ އަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލު، ކުރިއަށް އޮތް 6 މަސް ދުވަސް ތެރޭގައި މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމަށް ފެނަކަ އަށް އެންގުން ހިމެނެ އެވެ. އަދި އާންމުކޮށް އިއުލާނު ނުކޮށް، ކުންފުނީގެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު ނުލިބޭގޮތަށް ކުންފުނީގެ ގަވާއިދު އިސްލާހު ކުރުމަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. 

އެ ރިޕޯޓުގައި ވަނީ މުވައްޒަފުން ނެގުމުގައި އިންޓަވިއު ކުރުމަށްފަހު، އެ ނަތީޖާ އަށް ރިއާޔަތް ކުރުމަށްފަހުގައި ނޫނީ ވަޒީފާ ނުދިނުމަށެވެ. އަދި ކުންފުނީގެ އެޗްއާރު އެސްއޯޕީތައް ހަރުދަނާކުރަން އެންގުމަށާއި ބަދަލު ގެނައި އެސްއޯޕީ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ކުންފުނީގެ މުސާރައިގެ އޮނިގަނޑު ހާމަނައިޒްކޮށް އިސްލާހު ކުރުމަށް ފެނަކަ އަށް އެންގުމަށް ވެސް ރިޕޯޓުގައިވެ އެވެ. 

މީގެ އިތުރުން ގަވާއިދާ ހިލާފަށް 2022 އަދި 2023 ވަނަ އަހަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ފާހަގަކުރެވޭތީ އެކަން ބެލުމަށް ފުލުހުންނާއި އޭސީސީ އަށް ހުށަހެޅުމުގެ އިތުރުން ފެނަކަ އިން ކުރިއަށް ގެންދިޔަ އިން ހައުސް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ރާވާ ހިންގުމުގައި އުޅުނު މީހުން ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުމަށް އެންގުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ މަސައްކަތްތަކުގައި އުޅުނު މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް 229،711 ދީފައިވާކަން ހާމަވެފައިވާތީ އިތުރަށް ފައިސާ ދީފައިވާ މީހުން ފާހަގަކޮށް އެ ފައިސާ އެ މީހުންގެ އަތުން އަނބުރާ ހޯދަން ފެނަކަ އަށް އެންގުމަށް ވެސް ރިޕޯޓުގައިވެ އެވެ.