މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމަފިރިއެއްގެ
މައްޗަށް ދައުވާކޮށް ޝަރީއަތް ކުރިއަށް ދަނިކޮށް، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް
ބުނެ ފިރިމީހާ އިއުތިރާފުވުމުން އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
މި މައްސަލައަކީ
ފުލުހުން އެ ދެމަފިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު، އަނބިމީހާ ލައިގެން ހުރި ޖަންގިޔާ
ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތުގައި ފިރިމީހާ ބުނެފައިވަނީ،
ފުލުހުން އެމީހުން ހުއްޓުވި ވަގުތު އޭނާގެ އަތުގައި ހުރި އެއްޗެއް ފޮރުވުމަށް އަނބިމީހާ
އަތަށް ދިނީ ކަމަށެވެ. އަދި އެއީ މަސްތުވާތަކެތިކަން އަނބިމީހާއަށް ނޭނގޭނެ ކަމަށް ވެސް
އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ހިމެނޭ އަންހެންމީހާ ވެސް ވަނީ
ފިރިމީހާގެ ވާހަކައަށް ބާރުދީ ޝަރީއަތުގައި ވާހަކަދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި
ފިރިމީހާ ކުއްލިއަކަށް އެ އެތިކޮޅު ދިނުމުން އޭނާ އެ ފޮރުވައިދިނީ އެވެ. ނަމަވެސް އޭގެ
ތެރޭގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް އޭނާ ބުނެފައިވެ
އެވެ.
މި މައްސަލާގައި ހިމެނޭ ފިރިމީހާއަކީ ކުށުގެ ދިގު
ރެކޯޑެއް އޮތް މީހެއް ނަމަވެސް، އަނބިމީހާއަކީ މީގެ ކުރިން އެއްވެސް ކުށުގެ ރެކޯޑެއް
އޮތް މީހެއް ނޫނެވެ. އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެނައީ،
ފިރިމީހާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ، އޭނާގެ މައްޗަށް ހުކުމްކޮށް މައްސަލަ އެއްކޮށް
ނިމުމާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އާންމު އުސޫލެއްގެ
ގޮތުން މައްސަލައެއްގައި ހިމެނޭ އެހެން މީހަކު ކުށުގެ ޒިންމާ ނެގި ނަމަވެސް، އެކަމުގައި
ބައިވެރިވި އަނެއް މީހާ ކުށުން ބަރީޢައެއް ނުވާނެ އެވެ. ނަމަވެސް އެކި މައްސަލަތަކުގައި
ހާދިސާ ހިނގާފައިވާ ގޮތާއި، ކަން ހިނގި ހާލަތަށް ބަލައި މިފަދަ ނިންމުންތައް ނިންމުމުގެ
އިޚުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮވެ އެވެ.
މި މައްސަލާގައިވެސް އަނބިމީހާގެ މައްޗަށް ކުރި
ދައުވާ އަނބުރާ ގެނައީ އެ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހުގަ އެވެ.
މި މައްސަލައަކީ 2024 ނޮވެމްބަރު 18 ގައި ހިނގި ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން މިއީ ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލަ އެވެ.