ބައިނަލްއަގްވާމީ މަސްރަހަށް އަންނަމުންދާ ލޮޅުންތަކާއި، އިގްތިޞާދީ ގޮތުން ދިމާވަމުންދާ ދަތިތަކާއިއެކު ޓެކްސް ދައްކާ ފަރާތްތަކަށް ގޮންޖެހުންތައް ދިމާވަމުންދާކަން ބަލައިގަނެ، ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި އަމީޒާ ވިދާޅުވީ ދިވެހިރާއްޖޭގައި ޒަމާނީ، ލުއިފަސޭހަ އަދި ޓެކްނޮލޮޖީއާ ރައްޓެހި ޓެކްސްގެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިއީ ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުގެ ނަތިޖާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީރާއަށް މިހާރު ބަލައިގަންނަ ޓެކްސް ބަޔާނުގެ 96 އިންސައްތަ އަދި ޕޭމަންޓްގެ 99 އިންސައްތަ ބަލައިގަންނަމުން ދަނީ އޮންލައިންކޮށް ކަން ފާހަގަކުރައްވައި، އަމީޒާ ވިދާޅުވީ މީރާގެ ހިދުމަތްތައް މިހާރު ވާނީ ފަސޭހަކަމާއެކު އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލުކުރެވިފައި ކަމަށެވެ.
އިގްތިޞާދީ މިދަތި ހާލުގައި، ޓެކްސް ދައްކާ ފަރާތްތަކާއި ގުޅިގެން، ޒިންމާ އަދާކުރަން ބާރުއަޅައި، ހަމަހަމަ ކަމާއިއެކު ޓެކްސްގެ ނިޒާމް ހިންގުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަމީޒާ ވިދާޅުވި އެވެ،
މީގެއިތުރުން ޓެކްސްގެ ނިޒާމް ތަންފީޒް ކުރުމަށްޓަކައި، ޓެކުހުގެ ޤާނޫނަށް ގެނެވޭ ބަދަލުތައް އޮމާންކަމާއެކު ތަންފީޒު ކުރުމަށް އިސްކަން ދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.