މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިންތިހާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން 23 ޖުލައި 2026 ގެ ނިޔަލަށް
އެކުލަވާލާ އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ
ގޮތުން، މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ދައުލަތުގެ ޚަރަދުތައް އިތުރުވަމުން ދާއިރު މިއީ މިއީ ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ދަނީ ބުނަމުންނެވެ. 

ރިޕޯޓަށް ބަލާއިރު ސަބްސިޑީއަށް ކުރި ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23 ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަބްސިޑީ އަށް ވެސް ކުރާ ހޭދަ އިތުރުވަމުންދާއިރު ސަރުކާރުން ބުނަމުން ދަނީ މި އަދަދު އިތުރުވަމުން ދަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ކަމަށެވެ. 

ރިކަރަންޓް
އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ
މި މުއްދަތުގައި ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ
4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ސިއްހީ ޚިދުމަތްތަކަށާއި، އިޖުތިމާއީ
ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.

23 ޖުލައި
2026 ގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ
ސަރޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.

އެ މިނިސްޓްރީ އިން މީގެ ކުރިން އާންމު ކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުގެ 87 އިންސައްތައަކީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 21,362.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި ޕެންޝަނަށް 8,008.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.