ބަނގުރާ ގެންގުޅުމާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ
ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު، އޭނާ ވީ އެންމެ އަވަހަކަށް
ރާއްޖެއިން ފޮނުވާލައި ޑީޕޯޓުކޮށްދިނުމަށް އެދިއްޖެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން
31 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް
ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހުގެ
މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުގެ މި އަމުރުގެ ދަށުން
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2024 އޯގަސްޓު 16 ވަނަ ދުވަހަށެވެ.

ކޯޓުގައި ބޭއްވި ބަންދުގެ މުއްދަތު އިތުރުކުރުމުގެ
މަޖިލީހުގައި ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި އޭނާ ބުނެފައިވަނީ، ވީހާވެސް އަވަހަކަށް
ރާއްޖެއިން ފުރައިގެން ދާން ބޭނުންވާ ކަމަށާއި، އެހެންކަމުން އޭނާ ޑީޕޯޓުކޮށްދިނުމަށް
އެދޭކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ
މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި ހާދިސާ
ހިނގި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި، ފުލުހުންގެ ބަޔާންތަކުގެ
އިތުރުން، ތުހުމަތު ކުރެވޭ ފަރާތުގެ ބަޔާނާއި ސްޕޮންސަރ ސިޓީ އަދި އަތުލައިގަނެވުނު
ތަކެތީގެ ތަހުލީލު ރިޕޯޓުތައް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރަށް
ތަހުގީގު ހިންގަމުންނެވެ.