ކ. އަތޮޅު ގުޅީ ކައުންސިލުން 2023 ވަނަ އަހަރުގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމު ކޮށްފައިވާ މާލެ އަތޮޅު ގުޅީ ކައުންސިލްގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.24 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެ ކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަންވާނެ ކަމަށެވެ. އަދި ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގެ 5.26 ވަނަ މާއްދާގެ (ހ) ގައި ތަފްސީލު ކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. 

ނަމަވެސް ގުޅީ ކައުންސިލްގެ އިދާރާ އިން ކުއްޔަށް ދޫކޮށްފައިވާ ބިންބިމަށް ފައިސާ ދައްކާ ގޮތުގެ ހިސާބު ބެލެހެއްޓުމަށް "ބިމު ކުލި ދެއްކި ތަފްސީލް ޝީޓް" ގެ ގޮތުގައި އެކްސެލް ޝީޓެއް ތައްޔާރު ކޮށްފައިވީ ނަމަވެސް، ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ޖުމްލަ ހިސާބު އެނގޭ ގޮތަށް ލިސްޓު ފުރިހަމަ ކޮށްފައިނުވާކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން ބައެއް ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ދައްކާ ފައިސާ ރިޕޯޓުގައި ރެކޯޑްކުރުމުގައި އެއީ ކޮން ތާރީޚެއްގައި ދައްކާފައިވާ ފައިސާ އެއްކަން އެނގޭގޮތަށް ރެކޯޑު ކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. އަދި ފައިސާ ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީޚު ލިސްޓުން އެނގެން ނެތުމާއި، މި ތާރީޚުގެ ފަހުން ފައިސާ ދެއްކުމާ ހަމައަށް ކިހާ މުއްދަތެއް ފާއިތުވެފައިވާ ކަން ވެސް ދެނެގަނެވެން ނެތް ކަން ފާހަގަ ވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ފައިސާ ނުދައްކާ ލަސްވެފައިވާ މުއްދަތަށް އަރާފައިވާ ޖޫރިމަނާގެ އަދަދު މި ރިޕޯޓުގައި ބަޔާންކޮށްފައި ނުވުމުން ކުލި ދައްކާ ފަރާތްތަކުން ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދު ސާފުކޮށް އެނގެން ނެތް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

އެހެންވުމުގެ ސަބަބުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން 2023 ވަނަ އަހަރުގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރުނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެ އެވެ. 

މިކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައުންސިލްގެ އިދާރާ އަށް ލިބެންވާ ފައިސާގެ ހިސާބު ބަލަހައްޓަމުން ގެންދާ އެކްސެލް ޝީޓުގައި ގުޅުން ހުރި މައުލޫމާތުތައް ހިމަނައި، ފައިސާ ބަލައިގަތުމުގައި މި ކަންކަމަށް ސަމާލުވުމަށް އެ އޮފީހުން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. 

އަދި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ނުލިބިވާ ފައިސާގެ ހިސާބު އަދާހަމަ ކުރުމަށްފަހު، މި ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށް ވެސް ކައުންސިލަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ. އޭގެ އިތުރުން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެން ޖެހޭ ފައިސާ، އެ ކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސްދުވަހުގެ ތެރޭގައި ހޯދުމަށް ވެސް ވަނީ އަންގާފަ އެވެ. 

އޮޑިޓް އޮފީހުން ބުނީ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ ތަނަކަށް ލިބެންވާ ފައިސާގެ ތެރެއިން މުއްދަތު ހަމަވުމަށްފަހު ޖޫރިމަނާ ވާ ގޮތަށް ކަނޑައެޅިފައި އޮންނަ ފައިސާ ދެއްކުމުގައި ޖޫރިމަނާ ވެފައިވާނަމަ ކަނޑައެޅިގައި އޮންނަ ޖޫރިމަނާއާ އެކުގައި ފައިސާ ހޯދުމަށް ވެސް ވަނީ އަންގާފަ އެވެ.