ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން
ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ ފްލެޓުތައް ހިމެނޭ ސަރަހައްދު ސާފުކޮށް
ބެލެހެއްޓުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން
މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.

މިކަން ހާމަވެފައިވަނީ އެފްޑީސީން ސޯޝަލް މީޑިއާ
މެދުވެރިކޮށް އާންމުކުރި ތަފާސްހިސާބުތަކުންނެވެ.

އެފްޑީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން،
މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ފްލެޓުތައް ހުންނަ ސަރަހައްދުން އެކަނިވެސް 5 ޓަނުގެ
ކުނި ވަނީ ނަގައި ސާފުކޮށްފަ އެވެ. މި މަސައްކަތަކީ ފްލެޓުތަކުގެ އާންމު ސަރަހައްދުތަކުގައި
ގަވާއިދާ ހިލާފަށް ކުނި ޖަމާވަމުންދާތީ، އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި
މެދުނުކެނޑި ކުރަމުންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުނި ނައްތާލުމުގެ މަސައްކަތަށް މިހާ ބޮޑު ހޭދައެއް
ކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން އެފްޑީސީން ބުނީ، ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް
އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކުރުމަށް ބޮޑެތި
ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިގޮތަށް އުސޫލުން ބޭރުން ކުނި އެޅުމުގެ
ސަބަބުން، އެ ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށްޓަކައި އެފްޑީސީގެ ބަޖެޓުންނާއި ދައުލަތުގެ
ބަޖެޓުން ބޮޑު ހޭދައެއް ކުރަން މަޖުބޫރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މި ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މިއީ ފްލެޓުތަކުގެ
އާންމު ސަރަހައްދުތަކުން ކުނި ނަގައި، އެ ތަންތަން ބެލެހެއްޓުމަށް ހިނގާފައިވާ ހަރަދުތަކެވެ.
އެފްޑީސީން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި އުކާލުމަށާއި، އާންމު
ސަރަހައްދުތަކުގެ ސާފުތާހިރުކަމަށް އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ
އެވެ.