މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި އެއަރ ކޯރ ގުޅިގެން މިހާތަނަށް ވަނީ 2،747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ. އަދި ހަމައެހެންމެ ކޮޅުވެއްޓި އަޑިއަށް ދިޔަ ސަރަހައްދު ކޯސްޓްގާޑުގެ ޑައިވަރުން ފީނައިގެން ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ.
މި އޮޕަރޭޝަންގައި ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، ގެއްލުނު ދެ ބިދޭސީން އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ކޮޅުވެއްޓީގައި ތިބި 10 މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 6 ބިދޭސީންނެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންނަށް ލިބިފައިވަނީ ނިސްބަތުން ކުދި އަނިޔާތަކެއް ކަމަށާއި ނަމަވެސް، ޖުމުލަ ގޮތެއްގައި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.