ދިރާސީ އަހަރު ކިޔެވުމުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ސްކޫލުތައް ޗުއްޓީއަށް ދިޔައީ 16 ޖުލައި 2026 ގަ އެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާފައިވަނީ 2 އޯގަސްޓް 2026 ވީ އާދިއްތަ ދުވަހު އެވެ. 

ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބުނުއިރު، ޗުއްޓީ ރަނގަޅު ގޮތުގައި ހޭދަ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފައިވެ އެވެ. 

އެގޮތުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށާއި، ހަށިގަނޑަށް އެކަށީގެންނުވާ މިންވަރަށް ބަރުވިޔަ ނުދިނުމަށާއި، ވަގުތު ބޭކާރުނުކޮށް ޗުއްޓީ ދުވަސްވަރު ވެސް ފޮތް ކިޔުމާއި، ހަރާކަތްތެރިވެ އުޅޭއިރު، ސިއްހަތަށް ގެއްލުން ހުރި ކަންކަމުން ދުރުވުމަށް އެދިފައިވެ އެވެ. 

މީގެ އިތުރުން ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެމްބަރު 2026ން 12 ޖެނުއަރީ 2027 ށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 219 ސްކޫލުގައި 77000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރެ އެވެ. އަދި މި އަހަރު ގްރޭޑް 1 އަށް ވަނުމަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެ އެވެ.

މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ށް ވުރެ ގިނަ ދިވެހި ޓީޗަރުންނާއި 1،843 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ހަރަކާތްތެރިވެ އެވެ.

ދިވެހި ޓީޗަރުން ލިބުމުގައި ދަތިތައް ކޮންމެ އަހަރަކު ވެސް ކުރިމަތިވެ އެވެ. ޓީޗަރުން މަދުވުމުގެ ޝަކުވާ ބޮޑުވި ނަމަވެސް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށް ގިނަ ބެލެނިވެރިން ދަނީ ބުނަމުންނެވެ.