ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ވިޔަފާރި އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. 

ހޮނިހިރު ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ އާއި ތުރުކީގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް 1 އޮގަސްޓް 2026 ގައި ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި މި އެގްރީމަންޓްއަކީ ދެ ގައުމުގެ ވިޔަފާރި، އިންވެސްޓްމަންޓް އަދި އިގުތިޞާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. 

މި އެގްރީމަންޓްގައި ސޮއި ކުރީ 2 ގައުމުގެ ޓްރޭޑް މިނިސްޓްރީގެ ފަރާތުން 4 ނޮވެންބަރު 2024 ގައި އެވެ. މިއެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއް އެކްސްޕޯޓް ކުރުމުގައި ލުއި ލިބޭނެ އެވެ. އަދި ތުރުކީން އެތެރެކުރާ މުދާ، ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި އިމްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް 85 މިލިއަންނަށް ވުރެ ގިނަ ފަރާތްތަކަށް އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.