ށ. ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި އެވެ.

އާދިއްތަ ދުވަހުން ފެށިގެން މުވައްޒަފުން ނުކުންނަން އަންގާފައިވަނީ ކުރިން އެ ރަށު އޮފީހާއި ކައުންސިލް އިދާރާ ހިންގި ބައު އިމާރާތަށެވެ.

މި އިމާރާތަކީ ބައު، ވެއްޓެން ކައިރިވެފައިވާ ތަނެއް ކަމަށް މައުލޫމާތު ލިބެ އެވެ. މިހާރު ވެސް އެ އިމާރާތުން ބައެއް ތަންތަން ވެއްޓިފައިވާއިރު، އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ރާއްޖެއެމްވީއަށް އެރަށުގެ މީހެއް ބުނީ، އާދިއްތަ ދުވަހު މުވައްޒަފުން އެތަނަށް ވަޒީފަށް ނުކުތުމަށްފަހު، އެ އިމާރާތް ސާފު ކުރުމަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މުވައްޒަފުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށާއި، އެމުވައްޒަފުން މިހާރު ތިބި އިމާރާތުގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް އެ މުވައްޒަފުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން އިޖާބަ ދީފައިނުވާ ކަމަށް އެމީހާ ބުންޏެވެ.
މީގެ އިތުރުން އެމީހާ ބުނީ، މިކަމުގެ ސަބަބުން އެ މުވައްޒަފުންގެ ސިއްހަތަށް ވެސް ނުރައްކާވާނެ ކަމަށެވެ.
ނޫމަރާގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށުގައި ފެނަކައިގެ އައު އޮފީހާއި އިންޖީނުގެ އެޅުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ވެރިކަން ބަދަލުވިއިރު، ފެނަކަ އިދާރީ އޮފީހުގެ 70 އިންސައްތަ އަދި އިންޖީނުގެ އިމާރާތުގެ 80 އިންސައްތަ މަސައްކަތް އޮތީ ނިމިފަ އެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
13 އޮކްޓޫބަރު 2025 ގައި އެރަށަށް ވަޑައިގަންނަވައި ރައީސް މުއިއްޒު ވިދާޅުވީ، 2026 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން އައު އިމާރާތް ނިންމައި، މުވައްޒަފުން އެތަނަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ނަމަވެސް، އެ ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގޮސް، މުވައްޒަފުންނަށް ބައު އިމާރާތަކަށް ބަދަލުވާން އެންގުމުން ފެނަކައިގެ ވަޒީފާގައި ތިބި 11 މުވައްޒަފުން ވަނީ ސަރުކާރަށް ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ. އެއީ އިމާރާތް ނިންމަން ބޭނުންވާ ސާމާނު ފޯރުކޮށްދީފިނަމަ، ދެ މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް އެ އިމާރާތް ނިންމައިދޭނެ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރުން އެ ސާމާނު ފޮނުވާފައި ނުވާތީ، އެމަސައްކަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.


