މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހެޅި 8 ވަނަ އިޞްލާޙުގެ ރިފަރެންޑަމް ވޯޓުގައި ރިޝްވަތު ހުށަހެޅެމާއި، ދައުލަތުގެ މީޑިއާ ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ބުނެފި އެވެ.

ޓީއެމް އިން ބުނެފައިވަނީ އެއީ 2008 ވަނަ އަހަރު ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން ބޭއްވި އެންމެ އޮޕަރޭޝަނަލް ކޮމްޕްލެކްސް ނުވަތަ ހިންގުމުގެ ގޮތުން އެންމެ އުނދަގޫ އިންތިޚާބީ ހަރަކާތް ކަމުގަ އެވެ.

އެ ޖަމިއްޔާއިން ނެރުނު އޮބްޒަވޭޝަން ރިޕޯޓުގައިވާ ގޮތުން، އެއް ދުވަހެއްގައި ތިން ވޯޓެއް ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 294،876 މީހުންގެ ތެރެއިން 74.98 އިންސައްތަ މީހުން ވޯޓުލާފައިވެ އެވެ. މިއީ މީގެ ކުރިން ބޭއްވި ކައުންސިލް އިންތިޚާބުތަކުގެ ޓާންއައުޓަށްވުރެ މަތީ އަދަދެކެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިޞްލާޙު ރައްޔިތުން ވަނީ ބޮޑު އަޣުލަބިއްޔަތަކުން ބޭރުކޮށްލާފަ އެވެ. ސައްޙަ ވޯޓުގެ 68.7 އިންސައްތަ މީހުން އެ އިޞްލާޙާ ދެކޮޅަށް ވޯޓު ދީފައިވާއިރު، އިޞްލާޙަށް ތާއީދުކުރީ 31.3 އިންސައްތަ މީހުންނެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް ފަސް މޭޔަރުކަންވެސް ހޯދާފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކުރި ހޯދާފައިވަނީ ޕީއެންސީންނެވެ. އިންތިޚާބުގެ ކުރިން 82 ގޮނޑިއެއް އިންތިޚާބަކާ ނުލައި ކާމިޔާބުވެފައިވާއިރު، އޭގެ ތެރެއިން 84 އިންސައްތަ ގޮނޑި ހޯދީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމެވެ. އޮބްޒާވްކުރި ކެމްޕޭން ހަރަކާތްތަކުގެ 24 އިންސައްތަ ހަރަކާތުގައި ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި އުޅަނދުފަހަރު ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. ޚާއްޞަކޮށް ޕީއެންސީން ބޭއްވި ހަރަކާތްތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މިންވަރު އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު ދެގުނަ އިތުރުކަމަށް ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން، ވޯޓު ގަތުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާއިރު، ވޯޓަކަށް 3،000 އާއި 10،000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދުތަކުން ރިޝްވަތު ހުށަހަޅާފައިވާކަމުގެ 76 އޮބްޒަވޭޝަނެއް ވަނީ ރިކޯޑުކުރެވިފަ އެވެ.

މަޢުލޫމާތު ފެތުރުމުގެ މާޙައުލަށް ބަލާއިރު، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ވަކިފަރާތަކަށް ޖެހިގެން ޚަބަރު ފަތުރާފައިވާކަމަށް ޓްރާންސްޕޭރަންސީން ތުހުމަތުކުރެ އެވެ. ރިފަރެންޑަމާ ގުޅޭގޮތުން ގެނެސްދިން 36 ރިޕޯޓުގެ ތެރެއިން 11 ރިޕޯޓަކީ އިޞްލާޙަށް ތާއީދުކޮށް ގެނެސްދިން ރިޕޯޓުތަކެއް ނަމަވެސް، އިޞްލާޙާ ދެކޮޅު އެއްވެސް ޚަބަރެއް ޕީއެސްއެމްއިން ގެނެސްދީފައެއް ނުވެ އެވެ. އަދި ރިފަރެންޑަމާ ގުޅޭގޮތުން ރައްޔިތުންނަށް ދިން ރަސްމީ މަޢުލޫމާތު ކަރުދާހުގައިވެސް ހިމަނާފައިވަނީ ހަމައެކަނި އިޞްލާޙަށް ތާއީދުކުރާ އާގިއުމަންޓުތައް ކަމަށްވާތީ، މިއީ މިނިވަންކަމާއެކު ގޮތް ނިންމުމަށް އޮތް ހުރަހެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައިވެ އެވެ.

ވޯޓުލީ ދުވަހުގެ ކަންކަމަށް ބަލާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުގެ 24.5 އިންސައްތަ މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އިންތިޒާމުތައް ހުރިކަން ވަނީ ފާހަގަވެފަ އެވެ. އަދި ބައެއް އަތޮޅުތަކުގެ މަރުކަޒުތަކުގައި ވޯޓު ކަރުދާސް ދޫކުރާ ވަގުތު، ކޮން ވޯޓެއްގައިތޯ ބައިވެރިވަނީ އަނގަބަހުން ބުނަން ޖެހުމަކީވެސް ސިއްރު ވޯޓުގެ ޙައްޤަށް އުނިކަން އައި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، އިންތިޚާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގައި ހައިކޯޓުގެ ރެޖިސްޓްރީން ހުރަސްތަކެއް ކުރިމަތިވިކަމާއި، ހުށަހެޅި 20 މައްސަލައިގެ ތެރެއިން 16 މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލާފައިވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް 34 ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކެމްޕޭން ފައިނޭންސް ހާމަކުރުމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާއި، ޕީއެސްއެމްގެ ހިންގުން މިނިވަންކުރުން ހިމެނެ އެވެ. އަދި އިންތިޚާބުތަކާ ބެހޭ ޤާނޫނުތައް އިންތިޚާބާ ކައިރިކޮށް ބަދަލުކުރުމުގެ ސަބަބުން ކުރިމަތިވާ "ފްރޭމްވޯކް އިންސްޓެބިލިޓީ" ނައްތާލުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.