ތ. ގާދިއްފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތުމުގެ ސަބަބުން، އެ ރަށުގެ ބަނދަރު ސަރަހައްދުން އުދައަރައި ރަށުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަރާތުން ގާދިއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން އަށް ގުޅުމުން އޭނާ ވިދާޅުވީ، ބަނދަރު ކޮނުމުގެ މަސައްކަތަށްޓަކައި ބޭރަށް ޖައްސާފައިވާ ވެލިފުނިތައް ގިރައިގެން ގޮސް، ކުރީގެ ބަނދަރުގެ ތެރެއަށް ވެލި އެޅުމުގެ ސަބަބުން ބަނދަރުގެ އެއްފަޅި ވަރަށް ބޮޑަށް ތިލަވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ވައިގަދަވާ ވަގުތުތަކުގައާއި ބޮޑުދިޔައިގައި ލޮނުގަނޑު މައްޗަށް އަރައި، ރަށުތެރެއަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރަމުންދާކަމަށެވެ.

ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮންނާތާ މިހާރު އަހަރަކާ ގާތްވެފައިވާ ކަމަށް މުހައްމަދު މައުލޫމާތު ދެއްވި އެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ  ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ނަމަވެސް، މަސައްކަތް ފެށުމަށް ފަހު ކުރިއަށް ނުގެންގޮސް ހުއްޓާލުމުން، އޭރު ޖެހި ވެލިފުނިތައް ގިރައިގެން ގޮސް ބަނދަރު ތެރެއަށް ވަދެ، ބަނދަރުގެ އެއްފަޅި ތިލަވުމުގެ ސަބަބުން ރަށަށް އުދައަރައި ގެއްލުންތައް ލިބެމުންދާތީއާއި މަސައްކަތް ކުރަން އެ ރަށަށް ގެނެސްފައިވާ މުވައްޒަފުން އެއްވެސް މަސައްކަތެއް ނެތިފައި ތިބޭތީ މުހައްމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މި ހާދިސާ ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އެގޮތުން ފުލުހުންގެ އެހީތެރިކަން ހޯދުމުގެ އިތުރުން އެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންނާ ވާހަކަދެއްކުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީ އިން ގާދިއްފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. 580 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީ އަށް މަސައްކަތް ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން 59،578 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 227 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 145 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި، 318 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި، 20 މީޓަރުގެ ދިގު ތިން ފުޅާ ބްރިޖެއް ހެދުމާއި، 1365 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭރު އެމްޓީސީސީ އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައި އެވެ. 

އެމްޓީސީސީ އިން އޭރު ބުނެފައިވާ ގޮތުގައި މި މަޝްރޫއަކީ 85.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނަމަވެސް މި މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ ރައީސް މުއިއްޒު ގާދިއްފުއްޓަށް ވަޑައިގެންނެވި ދުވަސްވަރާ ދިމާކޮށެވެ. އޭގެ ދުވަސްކޮޅެއް ފަހުން މި މަޝްރޫއުގެ މަސައްކަތް ހުއްޓާލާފައިވާއިރު، އެމްޓީސީސީގެ ބައެއް މަސައްކަތްތެރިން އަދިވެސް އެ ރަށުގައި އެބަ ތިއްބެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާއިރު މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ފަހު، އޭގެ ފަހުން އެ މަޝްރޫއުތަކުގެ މަސައްކަތްތައް ހުއްޓޭ ކަމުގެ ޝަކުވާ ގިނަ ރަށްރަށުން އަންނަނީ ކުރަމުންނެވެ. އެކަމުގެ ތެރެއިން ރަށްރަށަށް ގެންގޮސްފައިވާ ބައެއް ސަމާނުތައް ހަލާކުވުމުގެ މައްސަލަތައް ވެސް ބޮޑުވެފައިވެ އެވެ.