މި ފެށޭ އޮގަސްޓު މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާހުކޮށް ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ މި މިންގަނޑުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. ބާ ކައުންސިލުން ގެނައި މި ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިިވެ އެވެ.

މި އުސޫލާއެކު ގިނަ އަދެދެއްގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އުސޫލު ބަދަލު ކުރުމަށް ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައި އެވެ. 

ބާ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ އުސޫލަށް އަމަލުކުރަން އަންނަ މަހު ފަށައިފިނަމަ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ ގޮތުންނާއި ފަންނީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ. އަދި ކުރިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމުތަކަށް ބަދަލުތަކެއް ގެނެސް އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކައުންސިލަށް ހުށަހެޅި ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ. 

އެހެންކަމުން، އެ ހުށަހެޅުމަށް ރިއާޔަތްކޮށް، ބާ ކައުންސިލުން އެކަށައަޅައިފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެން ކަމަށް ނިންމައިފައިވާ ކަމަށް، އެ ކައުންސިލުގެ ބަޔާނުގައިވެ އެވެ. 

400 އަށް ވުރެ ގިނަ ދަރިވަރުން ސޮއިކޮށްފައިވާ ޕެޓިޝަންގައި، ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ދަރިވަރުން ދިރިއުޅެމުންދަނީ މާލޭގައި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުއްލިއަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް ބޮޑަށް ދަތިވާ ކަމަށާއި، ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލާފައި އެވެ. 

މީގެއިތުރުން ދަރިވަރުންގެ ޕެޓިޝަންގައި މިހާރު ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، އެ ދަރިވަރުން ފުރަތަމަ ސޮއިކުރި އެއްބަސްވުމާއި އެއްގޮތަށް އޮންލައިންކޮށް ކޯސް ނިންމުމުގެ ފުރުސަތު ފުރިހަމައަށް ދިނުމަށް އެދިފައިވެ އެވެ.