ކ. މާފުށީގައި ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެރަށު ތޮށިމައްޗަށް ލައްވެ، ފުނޑުފުނޑުވެއްޖެ އެވެ.

މިހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނު 9:30ހާއިރު އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިބާރުވެ، ރަށު ބޭރުގައި އަޅާފައި އޮތް އެ ސަފާރީގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އަދި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން އެ ސަފާރީ އެރަށުގެ ތޮށިމައްޗަށް އުރުނީ ކަމަށާއި، މާގިނައިރުތަކެއް ނުވެ، ބިޔަ ރާޅުތަކާއެކު ސަފާރީ ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ. 

މާފުށީ މީހެއް ބުނީ، ސަފާރީގެ ނަގިލި ކަނޑައިގެން ދިޔައިރު އެއުޅަނދުގައި މީހުން ތިބި ކަމަށާއި، ތޮށިމައްޗަށް ލައްވާން ފެށުމާއެކު އޭގައި ތިބި އެންމެން މޫދަށް ފުންމާލައި އެ ރަށަށް އެރި ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމީހާ ބުންޏެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ސަފާރީގައި ތިބީ ސްރީލަންކާ އަދި އިންޑިއާ އަށް ނިސްބަތްވާ ޖުމްލަ 5 މީހުންނެވެ. 

ނަމަވެސް މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ކަމާގުޅުން ހުރި އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެންކަމުން ސަފާރީގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންގެ ސީދާ އަދަދު ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފަ އެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުމަތީގެ ހާދިސާތައް ހިނގުން އިތުރުވެ އެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.