މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ހުކުރު ދުވަހު އެމްއެންޑީއެފުން ބުނީ، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ޚާއްސަކޮށް ކަނޑު ދަތުރުކުރާ މީހުން ސަމާލުވާން ޖެހޭ ކަމަށެވެ. 

އެގޮތުން ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ. 

މީގެ އިތުރުން ދަތުރުކުރާ މީހުން ލައިފްޖެކްޓް އަޅައި، އިތުރަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ މީހުން ވެސް ވެސް މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަަމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. 

މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށް ބޮޑުބަަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 7 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ވެސް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ހުކުރު ދުވަހުގެ ހެނދުނު 9:30ން މެންދުރުފަހު 3:30ށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ވެސް ވަނީ ނެރިފަ އެވެ. 

ހުކުރު ދުވަހު މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން އާއްމު ރައްޔިތުންނާއި، ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.